އައިސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރ ކަމަށް ދައުލަތުން ދައުވާ ކުރާ މުހައްމަދު އަމީންގެ މައްސަލަ މިއަހަރު ތެރޭ ނިންމަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

އެކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު މިއަދު ވަނީ އްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ހިއްސާ ކުރައްވާފައެވެ. ދައުލަތުން އަމީންގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގާ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޝަރީއަތުން ހިއްސާ ކުރެއްވި ތާވަލުގައި ވާގޮތުން ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބުނާ ގޮތުން ހުލާސާ ބަޔާން އިއްވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވަން ޖެހޭނެއެވެ.

އެހެންކަމުން މައްސަލަ ކުރިޔަށްދާނެ ގޮތް:

  • އޮގަސްޓް 30- ހެކިބަސް ނެގުން
  • ސެޕްޓެމްބަރު 13- ހެކިބަސް ނެގުން
  • ސެޕްޓެމްބަރު 26- ހެކިބަސް ނެގުން
  • އޮކްޓޫބަރ 11- ހުލާސާ ބަޔާން އިއްވުން
  • ހުކުމް ކުރުން- ހުލާސާ ބަޔާން އިއްވާތާ 30 ދުވަސް ތެރޭގައި

މި މައްސަލައިގާ މިއަދު ޝަރީއަތެއް ބާއްވާފައިވަނީ ހެކިބަސް ނެގުމަށެވެ. އެކަމަކު އެއީ ގާޒީ ހަސަން ސައީދު މައްސަލައާ ހަވާލުވުމުގެ ކުރިން ހެކިބަސް ނަގާފައިވާ ބައެއްކަން ފަހުން ކޯޓަށް ވަނީ އެނގިފައެވެ. އޮޅުމުގެ ސަބަބުން މިއަދު ހެކިބަސް ނެގޭ ގޮތެއް ނުވިއެވެ.

އެހެންވެ މިއަދު ދެން މި މައްސަލައިގާ ކުރިޔަށް ގެންގޮސްފައިވަނީ އަމީންގެ ބަންދާބެހޭ ގޮތުން ގޮތެއް ނިންމަން ދިފާއުން އެދިފައިވާތީ އެމައްސަލައެވެ. ނަމަވެސް ޝަރީއަތުން ނިންމާފައިވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު މުރާޖާކުރަން ދިފާއަށް ނޭދެވޭނެ ކަމަށެވެ.