ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އަމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ވީޑިއޯ ކޮންފަރެންސްކޮށެވެ. ނަމަވެސް، ދިފާއުން ވަނީ ކޯޓަށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި އެގޮތަށް ހެދުމަށް ވަނީ އެދިފައެވެ.

އެކަމަށް ރިއާޔަތް ކުރައްވާ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ނިންމެވީ މިމައްސަލަ ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށް މައްސަލަ އެހެން ދުވަހަކަށް ރީ ޝެޑިއުލް ކުރެއްވުމަށެވެ. އަމީންގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އަމީންގެ މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ބަލަން ފަށާފައިވަނީ އޭނާގެ ދައުވާތައް ހައިކޯޓުން ބާތިލުކުރީ ރަނގަޅަށް ނޫންކަމަށާއި، އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކުރެއްވުމާއި ގުޅިގެންނެވެ.

އަމީނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދުކޮށްފައިވާ މީހެއްކަމަށްވާތީ އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭ މުއްދަތުގައި ދައުވާކޮށްފައި ނުވާކަމަށް ބުނެ އަމީންގެ ފަރާތުން ދައުވާތައް ބާތިލުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައެޅިއެވެ. ހަމައެއާއެކު، ދެ ދައުވާއަކީވެސް އެއް ވާގިއާތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއްކަމަށް ބުނެ އަމީންގެ ފަރާތުން ވަނީ ދައުވާތައް ބާތިލުކޮށްދިނުން އެދި ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

ނަމަވެސް އެ ހުށައެޅުން ގަބޫލު ނުކުރުމުން އަމީންގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުން މި މައްސަލަ ނިމުނީ އަމީންއާއި އެއްކޮޅަށެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށެވެ.