ގާނޫނާ ޚިލާފަށް، ރާއްޖެޓީވީގެ ޚިދުމަތް މެދުކަނޑާލާފައިވާތީ 2000 ރުފިޔާއިން އެ ޗެނަލް ޖޫރިމަނާކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ އަށް ވަނަ ދުވަހު އެ ޗެނަލްގެ ޚިދުމަތް މެދުކަނޑާލީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 40 ވަނަ މާއްދާއާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާއާ ޚިލާފަށްކަމަށް ވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ސްޓޭޝަން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ ގަވާއިދުގެ ޖަދުވަލު 3 ގެ 2 ވަނަ ނަންބަރުގެ ދަށުން, “ރާއްޖެ ޓީވީ” 2,000ރ (ދެ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަމަށް މިކަމާ ގުޅިގެން ކޮމިޝަނުން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ،" އެ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން، ޖޫރިމަނާއަށް ދައްކަން ޖެހޭ ފައިސާ އަންނަ މަހުގެ 20 ވަނަ ދުވެހުގެ 12:00ގެ ކުރިން އެ ކޮމިޗަނަށް ދެއްކުމަށްވެސް އެކޮމިޝަނުން ވަނީ ރާއްޖެ ޓީވީއަށް އަންގާފައެވެ.