ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ސާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ނަތިއްޖާ ދިނުން ފަސްކޮށްފިއެވެ.

ޑީޕީއީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ނަތީޖާ ދޫކުރަން ފެށޭނެ ތާރީހެއް އެނގޭނީ ސާވާގެ މައްސަލަ ހައްލުކުރެވުމުން ކަމަށެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑިޕީއީއިން ވިދާޅުވިއެވެ.

ޑިޕީއީގެ ސިސްޓަމް ހައިޖެކް ކުރިކަމަށްބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރެންސަމްވެއާ އެޓޭކެއް އިއްޔެގެ ވަގުތެއްގައި ކުރިމަތިވި ކަމަށެވެ.

"ރެންސަމްވެއާ އަކީ ކޮމްޕިއުޓަރުތަކުގައި ހުންނަ މައުލޫމާތުތައް ރަހީނުކޮށްގެން އެ މައުލޫމާތު ހިފެހެއްޓުން ނުވަތަ ލީކުނުކޮށްލުުމުގެ ބަދަލުގައި އެކަން ކުރި ބަޔަކު ބުނާ އަދަދަކަށް ފައިސާ ހޯދުމެވެ.

އެ އިދާރާއިން ވިދާޅުވީ ވަގުތުން އެކަން މި އިދާރާގެ އައިޓީ މުވައްޒަފުންގެ ސަމާލުކަމަށް އައިސް، އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފައިވާ ކަމަށެވެ. މުހިއްމު ފައިލުތައް ރައްކާތެރިކަމާއެކު ހުރިކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.