ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުން އެކުލަވާލާފައި އޮންނަ ރަތް ލިސްޓުން ދިވެހިރާއްޖެ އުނިކުރި ނަމަވެސް އަދިވެސް ރާއްޖެ އޮތީ ދަތުރުކުރުން އެދެވިގެން ނުވާ ލިސްޓްގައި ކަމަށްވާތީ ބައެއް ޓްރެވަލް އެޖެންޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަށް ގައުމެއް ކޮވިޑްގެ ރަތް ލިސްޓުން މިމަހު އުނިކުރި ނަމަވެސް އަދިވެސް ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ވަނީ ރާއްޖެއާށައި އެހެން ބައެއް ގައުމުތަކަށް ނެރެފައި އޮތް ޓްރެވަލް އެޑްވައިޒަރީ ދަމަހައްޓާފައެވެ.

ރަތް ލިސްޓުން އުނިކުރި ގައުމުތަކުގެ ތެރެއިން ޓްރެވަލް އެޑްވައިޒަރީ އުވާލީ ތިން ގައުމަކަށެވެ. އެއީ ތުރުކީވިލާތް، ކެންޔާ އަދި އޮމާންއެވެ. ރާއްޖޭގެ އިތުރުން މިސްރު، ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝް އަށް ވެސް އޮތީ ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ. ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ ގައުމުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރަތް ލިސްޓުން އުނިކުރިޔަސް އަދިވެސް ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައި އޮތުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް މީޑިއާ އާއި ވާހަކަދެއްކި ބައެއް ޓްރެވަލް އެޑްވައިޒަރުން ބުނެފައި ވަނީ އިނގިރޭސިވިލާތުން އަދިވެސް ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައި އޮތީ ޒިންމާދާރު ފަރާތްތަކުން އެފަރާތްތަކުގެ ޒިންމާތައް ފުރިހަމައަށް އަދާކޮށްފައި ނެތުމުންނެވެ.

ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެެރެފައި އޮތުމުން ރާއްޖެ އަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ފަތުރުވެރިން އިންޝްއަރެންސަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގިނަވާ ކަމަށް ވެސް އެޖެންޓުން ބުނެއެވެ. އެހެންކަމުން އިތުރު ޙަރަދުތަކެއް ކުރަންޖެހި ފަތުރުވެރިންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.