ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ހިދުމަތް ފެށުމަށް ބަންނަމުންދާ ފުރަތަމަ ފެރީ މޫދަށް ބާލައިފިއެވެ.

ދިވެހި ރާއްޖޭގެ ތަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ހައި ސްޕީޑު ފެރީ މިއަދު މޫދަށް ބާލައިފިއެވެ. މި ޕްރޮޖެކްޓުގެ ދަށުން އެމްޓީޓީސީސީން ދަނީ ޒޯން އެކެއްގެ ދަތުރުތައް ނޮވެމްބަރު މަހު ފެށުމަށް ތައްޔާރުވަމުންނެވެ.

މިހާރު މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރާ ފުރަތަމަ އުޅަނދު މޫދަށް ބާލާފައިވާއިރު އިތުރު ހައި ސްޕީޑު ފެރީ އުޅަދުތައް ތައްޔާރު ކުރުމުގެ މަަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރަމުންނެވެ.

ފުރަތަމަ ހައި ސްޕީޑް ފެރީ ބޭލުމަށް މިއަދު ބޭއްވި ހަރަކާތުގައި އެމްޓީޓީސީސީގެ މުވައްޒަފުން ބައިވެރިވެފައިވާއިރު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅު ހަގީގަތަކަށް ހެއްދުވުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން 17 ހައިސްޕީޑް ފެރީ އުޅަނދު ބޭނުންކުރާނެއެވެ. މިއިން ކޮންމެ އުޅަނދެއްގައި 50 ދަތުރުވެރިންނާއި ހަތަރު ފަޅުވެރިންނާއި ހަތަރު ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ފެރީތަކަކީ 30 ނޮޓްސްގެ ބާރުމިނުގައި ދުވާގޮތަށް ހަދާ ފެރީތަކަކަށް ވާއިރު މިހާރު ބޭނުންކުރާ ފެރީތަކަށްވިރެ މި ފެރީތަކުގެ ދުވެލި ބާރުވާނެއެވެ.

އެމްޓީސީސީން ބުނީ މިހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ހިދުމަތް ފެށިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާމަނިކު

    ރައީސްސޯލިހުގެ ވައުދުފުޅު މޫދަށް ބާލައިފި.

  2. އެޑް

    ރައްޔިތުންގެ ކުންފުނި ރައްޔިތުން އިނދަޖައްސަން ނުކުތީ