ފަތުރުވެރިންތަކެއް ތިބި ސަފާރީއަކަށް ދިޔަވެ، އަޑިއަށް ދާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ހޭންޑީ ގްރޫޒާ" ނަމަކަށް ކިޔާ ސަފާރީއެއް ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު ބޭރުން ދިޔަވަމުން ދާތީ އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެރިޕޯޓާއި ގުޅިގެން ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން އިން ވިދާޅުވިއެވެ.

މިސަފާރީން ދަތުރުކުރި 17 މީހުން ކޯސްޓްގާޑްގެ އުޅަނދަކަށް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 08:39 ގައެވެ.

މާލެ އަތޮޅު ވެސް ހިމެނޭހެން މިހާރު ވެސް 11 އަތޮޅަކަށް އޮރެންޖު ސަމާލު ނެރެފައި އެބައޮތެވެ. އޮރެންޖު ސަމާލު ނެރެފައި ވަނީ ނ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ނެރެފައި ވާތީ އާއި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވެސް މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.