ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.

އެޖަމިއްޔާތަކުން މިހެން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް، ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތަކެއް ހިމަނާފައި އޮތުމުން ނެރުނު ބަޔާނެއްގައެވެ.

މިބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފައިކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ޖަމިއްޔާތަކުން ބުނީ ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ކަމަށެވެ.

މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. "ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވަނީ "ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމަށެވެ. މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މިބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދެ ހާލަތުން ކުރެ އެއް ހާލަތަކީ ވެސް އެއްވެސް ޒާތީ ތައައްސުބެއް ނެތި، ހަމައެކަނި ހެއްކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫންކަން، މިގުޅިފައިވާ ބަޔާނުގައި ބައިވެރިވާ ޖަމިއްޔާތަކުން ފާހަގަކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެއީ ބަޔާންކޮށްފައިވާ ހާލަތްތަކުން ހާލަތެއް މެދުވެރިވޭތޯ ނުވަތަ ނޫންތޯ ކޯޓުން ގޮތެއް ނިންމަން ޖެހޭނީ ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މަސްދަރަކީ ކާކުން ކަން ނޭނގި ކަމަށް ވެސް ވުމާއެކުގައި ކަމަށް އެޖަމިއްޔާތަކުން ބުންޏެވެ.

މިދެ ހާލަތަކީ އޮބްޖެކްޓިވް އަދި ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުން ނާދިރު ދެ ހާލަތް ކަމަށްވެފައި، އެކަމާ މެދު ޔަގީންކަމާއެކު ގޮތެއް ނިންމުމަކީ ނުވާނެ ކަމެއް ކަމުން، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަ އެއާ އެކު، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް-ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެއް ކަމަށް ބަޔާނުގައި ބުންޏެވެ.

"މިބިލު މިއޮތް ގޮތަށް ގާނޫނަކަށް ވެގެން އައިސްފިނަމަ، އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ހެއްކާއި ގުޅޭ ބިލާއި ގުޅޭ ގޮތުން ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮވުން ފާޅުކުރަމުން ގެންދިޔަ ނަމަވެސް އެމާއްދާ އާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުދުﷲ

    ހަދަހަދައިގެން ދޮގުވާހަކަ ފެތުރިގެން ނުވާނެ. އެއީ ޔަހޫދީ ފަލްސަފާއެއް.... ވަރައް ނުރައްކާ ވަރައް ނުބައި ކަމެއް އެކަން ކުރެވިގެން ނުވާނެ . މަސްދަރު ހާމަކުރެވެން ޖެހޭނެ . އެޚަބަރެއްގެ ހުރި ނުބައި މިންވަރު ބަލާ މަރުގެ އަދަބު ވެސް ލިބެންޖެހޭނެ.