ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށާފައިވާ "އީޖާދީ މަންސަ" އިން ވަނަތައް ހޯދި މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދީފިއެވެ.

"އީޖާދީ މަންސަ" އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން އަމިއްލަ އުފެއްދުންތަކާއި އާ ހިދުމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހެޅުމަށް ފެށި މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން މުޖުތަމައުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެއެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ނުވަ މީހަކަށް ލިޔުން ހަވާލުކޮށްފައިވަނީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ.

އެޗްޑީސީން ބުނި ގޮތުގައި ވަނަތައް ލިބުނު ނުވަ މީހުންނަށް ވަކި މުއްދަތެއް ވަންދެން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ހަވާލު ކުރެވޭނެއެވެ.

މީގެތެރެއިން މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ހޮވޭ މީހުންނަށް ހަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި އެއް އަހަރުގެ މުއްދަތަށް ހަވާލު ކުރާ ޔުނިޓް ތަކެކެވެ. ދެވަނައަށް ހޮވޭ މީހުންނަށް ޔުނިޓްތައް ހަވާލުކުރަން ނިންމާފައިވަނީ އެއްވެސް ކުއްޔަކާ ނުލައި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ގޭގައިކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި، އަދި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ މީހުންނަށް "އީޖާދީ މަންސަ" ގެ ނަމުގައި ހިންގުނު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުން ޖުމްލަ 36 ފަރާތަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އަދި ފަސް ކެޓަގަރީކަމަށްވާ (ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ޚިދުމަތް) ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ އަދި 2 ވަނަ ފަރާތެއް ވަނީ ހޮވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު