އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށަން މަސައްކަތް ކުރި ނަމަވެސް ޝަރީއަތް ކުރިއަށް ނުގެންދެވިގެން ނިންމާލައިފިއެވެ.

ސުޕްރީމް ކޯޓުގައި އަމީންގެ މައްސަލައިގެ ޝަރީއަތް މިއަދު ކުރިއަށް ނުގެންދެވުނީ އަމީންގެ ވަކީލެއްގެ ގޮތުގައި އަހްމަދު ވިޝާން ނަމަކަށް ކިޔާ ބޭފުޅަކު އައްޔަން ކުރުމަށް ފަހު ކޯޓަށް ފޮނުވި ލިޔުމުގައި އަހްމަދު ވިޝާންގެ ސޮއި ވެސް އަދި އިނގިލީގެ ނިޝާން ވެސް ނެތުމުންނެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ މައްސަލައިގެ ބާވަތުން ވަކީލަކާއި ނުލައި މިމައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް މިއީ ސުޕްރީމް ކޯޓުން ބަލައިގަންނަތާ ހަތް ދުވަހުގެ ތެރޭގައި ބަލައި ނިންމަން ޖެހޭ މައްސަލައަކަށް ވާތީ މާދަމާ މިމައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި އަމީން ވަނީ އޭނާ އަށް ސިއްހީ މައްސަލައެއް ދިމާވެގެން މެޑިކަލް ސެޓްފިކެޓެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިމާވެފައިވާ ސިއްހީ މައްސަލައަކީ މަގުބޫލު މައްސަލައެއްކަން އެނގޭނީ ލިޔުންތައް ބެލުމަށް ފަހު ކަމަށާއި އެހެންކަމުން އެކަމާއި ގުޅޭ ހުރިހާ ލިޔުމެއް ކޯޓަށް ހުށަހެޅުއްވުން އެދޭކަމަށެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ހައި ކޯޓުން އަމީން މިނިވަން ކުރަން ހުކުމް ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި އަމީންގެ މައްޗަށް ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.

ފަހުން ހައި ކޯޓުން ވަނީ އޭނާ މާލެ އިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރެފައެވެ. މާލޭގައި އުޅުނަސް، އޭނާއަށް ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން ވެސް މަނާ ވާނެ ކަމަށް ހައި ކޯޓުން ނެރެފައިވާ އަމުރުގައިވެއެވެ.

އަމީން ދޫކޮށްލަން ހައި ކޯޓުގެ ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، އެ ކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު މާނަކޮށްދީފައި ވަނީ ރަނގަޅަކަށް ނޫން ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައި ކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ހުސައިން ޝަމީމް ވިދާޅުވެއެވެ.

އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެން

    ތިގޮތައް ލާދީނީ ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްޗައް ދައުވާ ނުކުރަނީކީއްވެ

    5
    1
  2. ރަން ރީނދޫ

    އެމެރިކާގެ ފާއިތުވި 4 ދައުރުގައި ވެރިކަން ކުރި ރައީސުންނަކީ އެންމެ ބޮޑެތި ޓެރަރިސްޓުން.

    7
    1