ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހަދާކަށް ތާއިދެއް ނުކުރާ ކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުންނާއި އާއިލާތަކުގެ އިތުރަށް އެ މެންބަރުންގެ އެކުވެރިންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެއާޕޯޓް ވީއައިޕީ ލައުންޖު ބޭނުން ކުރެވޭ ގޮތް ހަދާކަށް ތާއިދެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އެގަވައިދު ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުހައްގު ބާރުތައް ބޭނުން ކުރުމަކީ ތަހުޒީބު ކަމެއް ކަމަކަށް ނުދެކެން. ގަވައިދު ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރަން" އާދަމް ޝަރީފް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ސިއްރުކޮށްގެން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމާފައިވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެމްބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށް ވެސް ލޯންޖު ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.

މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލޯންޖު ބޭނުންކުރެވެއެވެ. އަދި ލޯންޖު ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

އާދަމް ޝަރީފް އެ ނިންމުމާއި ދެކޮޅުކަމަކަށް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއިމެދު ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު