ދިރާގުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. ދެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލު ކުރައްވައިފައެވެ.

މީގެ އިތުރުން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޙިދުމަތަށް އެދިލެއްވުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީޔާ ފްލެޓް ސަރަހައްދުގައި މިއަދު 18:00 ޖަހަންދެން ހަރަކާތްވަމުން ދާނެއެވެ. އަދި މާދަމައިން ފެށިގެން 10 އޮކްޓޯބަރ ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ހަރަކާތްތެރިވަމުން ދާނެއެވެ.

ދިރާގު ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެޗްޑީސީ އާ ގުޅިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް ކަމަށެވެ.

"އެޗްޑީސީއާއެކު މި ވެވޭ އެއްބަސްވުމާއެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަކީވެސް މާލޭގެ އެހެން ސަރަޙައްދު ތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި، އެއްއަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަގީންކުރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކެކާ ގުޅުވައިދިނުމަށް." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓު އަދި ޓީވީގެ ހިދުމަތް ފޯރުކޮށްދިން ކުންފުންޏަށް ދިރާގު ވެގެން ދިއުމަކީ އުފާވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެ ކުންފުނީގެވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީ އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" ސުހައިލް ވިދާޅުވިއެވެ.

ދިރާގާއި އެޗްޑީސީއާ ސަރުކާރު ހިއްސާވާ ދެ ކުންފުންޔަށް ވީ ހިނދު، މި ދެކުންފުނިވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމަޢުތައް ބިނާ ކޮށް ތަރައްގީ ކުރުމެވެ. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޙިދުމަތް ދޭންފެށި ކުންފުނިތަކާއިއެކު ދިރާގުގެ ޙިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި މިއާއެކު މިހާރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތައްތައް ދަނީ ފޯރުކޮށްމުންނެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސާވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތައްތަކެއް ފޯރުކޮށްދިނުމަށެވެ.