ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލް ކުރަން ދައުލަތުން ދައުވާ ކުރުމަށް ކުރިއަށް ގެންދާ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ.

12 މެންބަރުން ވަކި ނުވާކަމަށް ނިންމި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސުވާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އެޤާނޫނު ބާތިލް ކުރަން ވެސް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ގާނޫނު ސައްހަ ކަމަށް ކަނޑައަޅާފައެވެ.