ސ. ފޭދޫ ފެންހިންދުމުގެ ނިޒާމު ގާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއިން ބަޔަކާއި ހަވާލު ކޮށްފިއެވެ.

މިއަދު އެކަމަށްޓަކައި އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސުނޮކް ޓްރޭޑް ކޮމަބައިން ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަލްފާޟިލް ޠާރިގު އިބްރާހީމެވެ. އަދި ސްނޮކް ޓްރޭޑް ކޮންބައިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބާތު ރުވަންޕުރައެވެ.

ފޭދޫ ފެންހިންދުމުގެ ނިޒާމު ގާއިމްކުރުމަށް ބަޔަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިގް ވާހަކަފުޅު ދައްކަވަނީ -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޠާރިގު ވިދާޅުވީ، މި މަޝްރޫއުގެ މަޤްސަދަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ފޭދޫގައި ސްޓޮމް ވޯޓަރ މެނެޖްމަންޓް ނެޓްވޯކެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އަދި 18،595،276.34 ގެ މި މަޝްރޫއުއަކީ ސަރުކާރުގެ ހަރަދުގައި މިއަހަރުތެރޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ފެންހިންދުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ.