ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމި 32 ބިލުގެ ތެރެއިން އަދި މިހާތަނަށް ހުށަހެޅި ހަތަރު ބިލް ފިޔަވައި އިތުރު ބިލެއް މި ދައުރުގައި މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީސް ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ކަނޑައެޅި ބިލުތަކުގެ ތެރެއިން އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލުގެ މަސައްކަތް ކަމަށް ވީނަމަވެސް އެ ބިލުތަކުގެ މަސައްކަތް މަޖިލީހުގައި ވަރަށް ބާރަށް ކުރިއަށް ދާމަށެވެ. އެގޮތުން، މިހާރުވެސް ކޮމިޓީ މަރުހަލާގައި ހެއްކާބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ކުރިއަށް ދާކަން ނަޝީދު ފާހަގަކުރެއްވި އެވެ

މީގެ އިތުރުން މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވެފައިވާތީ އެ ދެ ބިލު ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީއަށް އިތުރު ވަގުތުގައި ވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. "މި ދައުރަށް ހުށަހެޅުމަށް އެބަ އޮތް 32 ބިލެއް. މި ބިލުތައް މި ދައުރުގައި މަޖިލީހަށް ލިބޭނެ ކަމަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ." ނަޝީދު ވިދާޅުވި އެވެ

މަޖިލީހުގެ ތިންވަނަ ދައުރު ފެށިގެން އައިއިރު ވެސް ބިލުތައް ނުލިބި ލަސްވެގެން ތަޅުމުގެ މަސައްކަތްތައް ވަނީ ކުރުކޮށްލާފައެވެ. މި ދައުރުގައި އިތުރު ބިލުތައް ނުލިބޭނެކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު މިހާރު، ސަރުކާރުން ދަނީ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. ބެލެވޭ ގޮތުން މި މަހުގެ ނިޔަލަށް ބަޖެޓް ހުށަހަޅާނެއެވެ.

އަބުރާއި ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހިމެނޭ ގޮތަށް ސަރުކާރުން 32 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވެއެވެ. މި ދައުރަށް ސަރކާރުން ހުށަހަޅަން ނިންމި ބިލްތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް، އަބުރާއި ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް، ގިންތި ކަނޑައެޅުމުގެ ބިލް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލް، ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް ހިމެނެއެވެ.

އަދި ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ހައްޖާއި އުމުރާގެ ކަންކަން އިންތިޒާމް ކުރުމާއި ބެހޭ ބިލް ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލާއި، ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލާއި، އިޖުތިމާއީ މަސައްކަތްތެރިންގެ ބިލާއި، ދައުލަތުގެ މުސާރަ އާއި ސިޔާސަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ވަނީ ނިންމަވާފައެވެ.

ހަމައެހެންމެ ފޮރިން އިންވެސްޓްމެންޓްގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލާއި، ކުންފުނީގެ ބިލާއި، ޓްރޭޑްމާކުގެ ބިލާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި، ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާއި ބެހޭ ބިލާއި، ކުނި މެނޭޖް ކުރުމާއި ގުޅޭ ބިލާއި، ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކްލައިމެޓް އެމަރޖެންސީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިސްހާލު ގެނައުމުގެ ބިލް ވެސް މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެތެރެއިން ބައެއް ބިލްތަކަކީ މީގެ ކުރީގެ ދައުރުތަކުގައި ވެސް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ޔަގީންކަން ދިން ބިލްތަކެކެވެ. ނަމަވެސް ސަރުކާރުން ޔަގީންކަން ދިން ގޮތަށް އެބިލްތައް މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.