އަމާންކަން ޤާއިމު ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ދީނީ ފަތުވާ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ޤައުމުގައި އަމާންކަން ޤާއިމު ކުރުމާ ގުޅޭގޮތުން އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤަވާމީ އެ ބައްދަލުވުމުގައި، އެކި ގައުމުތަކުގެ ފަތުވާ މަޖިލީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ބައިނަލްއަޤްވާމީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، އަމަންއަމާންކަން ގާއިމް ކުރުމުގެ ވަސީލަތްތަކާ ގުޅޭގޮތުން ކަމަށާއި، ގައުމުގައި އަމާންކަން ގާއިމް ކުރުމާ ބެހޭ ގޮތުން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ސައޫދީއަރަބިއްޔާ، މިސްރު، މޮރޮކޯ، އުރުދުން އަދި މެލޭސިޔާގެ އިތުރުން ސޫދާންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި، ސައޫދީ އާއި މޮރޮކޯ ފިޔަވައި އެހެން ގައުމުތަކުން ބައްދަލުވުމުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ.

"މުޖުތަމައުގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި ފަތުވާދޭ މީހުން އަމަލުކުރަން ޖެހޭ އުސޫލުތަމުގެ މައްޗަށް މި ސެމިނާގައި ނިންމާ ނިންމުންތައް ބިނާވާނީ" ފަތުވާ ކޮންފަރެންސް ގައި ތިން ކަރުދާހެއް ހުށަހަޅައި ކަންތައްތަކެއް ނިންމާނެ ކަމަށްވެސް ވިދާޅުވި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ފަތުވާ ދޭ މަޖިލީހުގެ ނައިބު ރައީސް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރާއި، އުއްތަމަ ފަނޑިޔާރާއި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އަދި ސީދާ އެ މަނިކުފާނު އައްޔަން ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވާ އިސްލާމީ ފަތުވާދޭ މަޖިލީހަކީ، ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކަޑެމީ އުވާލުމަށް ފަހު އުފެއްދި މަޖިލީހެކެވެ.