ދިވެހި ވިޔަފާރިތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބޭރުކޮށްލައިފިއެވެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވިއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލިއިރު، އޭގައި ވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ފަސޭހައިން ސޮވެރިން ގެރެންޓީ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބާރު އެޅުމަށް ގޮވާލައިފައެވެ.

އިގްތިސާދަށް މުހިއްމު ދައުރެއް އަދާކޮށްދެމުންދާ ދިވެހި ވިޔަފާރިތައް ހިންގަމުންދާ ބިމުގެ މިލްކުވެރިކަން ދިވެހި ސަރުކާރުގެ އަތުގައި އޮތުމުން، ކޮވިޑް-19 ގެ ހާލަތު ކުރިމަތިވި ވަގުތު ދިވެހި ވިޔަފާރިތައް ބަނގުރޫޓޫވެގެން ދިޔަ ކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައިވެއެވެ.

ޖާބިރު ސިފަކުރެއްވި ގޮތުގައި އެ ވިޔަފާރިތަކަކީ، ދިވެހި ބޮޑު އާބާދީއަކަށް މުސާރަ ދެމުން ދިޔަ، ދިވެހިންގެ ބަނޑުފުރާނަ މުއްތިކޮށްދެވެން އޮތް ވިޔަފާރިތަކެވެ. އެ ވިޔަފާރިތައް ބަނގުރޫޓު ވުމުން، ދިވެހި ގިނަ ރައްޔިތުންގެ އާމްދަނީއަށް އަސަރު ކުރި ކަމަށް ޖާބިރު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި، މީގެ ކުރިން ވެސް ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ފަދައިން، ރަހުނުގެ ގޮތުގައި ބޮޑެތި މުދާތައް ބެހެއްޓޭނެ ގާބިލްކަން ހުރި ދިވެހި ވިޔަފާރިތަކަށް ސޮވެރިން ގެރެންޓީ ދިނުމަށް ޖާބިރު ގޮވާލެއްވިއެވެ.