ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބަންދުގެ މުއްދަތު އިތުރު ކުރި ތިން މީހުންގެ ތެރެއިން ލ. ކަލައިދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އަދި ނ. ވެލިދޫ، ބީޗްހެވެން ޖުމާން މުސްތަފާ (19އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. އަދި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް ޒައިދު ހަބީބް (25އ)ގެ ބަންދު މުއްދަތު ވަނީ އިތުރު ފަސް ދުވަހަށް އިތުރުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން 10 މީހަކު ހައްޔަރު ކުރިއެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައެވެ. އަދި އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ދޫކޮށްލި ދެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުން ކަމަށާއި، އެހެންވެ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިމައްސަލާގައި ހައްޔަރުކުރި ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވެސް ވަނީ އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. ބޮޑުކާށިހުރާއިން މަސްތުވާތަކެތި އަތުލައިގަތް ފަހުން ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙީހީ

    ކުއްސާބިތެއް ނުވާނެ އަވަހަށް ދޫކޮށްލާ ދުނިޔޭގަ މިނޫނި ނޯންނާނެ ޑުރަގްޑީލަރުންގެ ދިފައުގާ ވަކަލާތުކުރާ ފަޑިޔާރުނ ތިބި ގައުމެއް ޕިލިޕީންސްގައި ހިންގި ތަނފީޒީ އިދާރާއެއް ބެނުމީ ތިފަދަ ޖަރީމާ ހުއްޓުވަން

  2. ސަޓޯ

    މުސްތަގުބަލުގެ 3 ރައީސުން ތިޔަ ފެނިވަޑައިގަންނަވަނީ އެނގޭތޯ ؟؟