ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަވެ، ވަޔާއި ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެެވެ.

މެޓް އޮފީހުން ވަނީ އަވަށްޓެރި ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖޭގެ އިރުއުތުރުން ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.

އެ އިދާރާއިން މިގޮތަށް ބުނެފައިވާއިރު، އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މައުލޫމާތު އެންގުމަށާއި އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ނަސޭހަތްތެރިވެފައެވެ.

އަދި ހާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަންކުޑަ، ކުދި އަނގަމަތި އުޅަނދަފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދު ތަކަށް އަމަލްކުރުމަށާއި، ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އެދިފައި ވެއެވެ.

އަދި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އެދިފައި ވެއެވެ.