ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދަށު ކޯޓުން ހުކުމް އިއްވާނެ ކަން މާ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް، ނަޝީދަށް މިފަދަ ބޮޑު ތުހުމަތެއް ކުރެއްވީ މުޅިން އަލަށެވެ.

އިދިކޮޅުގެ ލީޑާޝިޕް ނޫސްވެރިންނާ މިއަދު ބައްދަލު ކުރެއްވީ ޔާމީނަށް ދަށު ކޯޓުން ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި އިރު، އަޑު ކަށަވަރުވަނީ އެންމެ ގާޒީއެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވުމާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ ޖޭއެސްސީގައި ތިއްބެވީ ޔާމީންގެ ވާދަވެރިން ކަމަށާއި އެ ކޮމިޝަނުން ކުރާ އެއްވެސް ތަހުގީގެއްގައި އިންސާފުވެރިކަމެއް ނޯންނާނެ ކަމަށެވެ. މި ގޮތުން އޭނާ ފާހަގަ ކުރެއްވީ ވެސް ނަޝީދު އެ ކޮމިޝަނުގައި އިންނަވާ ކަމެވެ.

ޔާމީންގެ ޝަރީއަތް ދަށު ކޯޓުގައި ހިނގަމުން ދަނިކޮށް، ނަޝީދުއާއި އިދިކޮޅުގެ ލީޑާޝިޕް ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން ޔާމީނަށް ދަށު ކޯޓުން ހުކުމް އިއްވާނެ ކަމާއި، ހުކުމުން ސަލާމަތް ވިޔަސް ވާނީ ހައި ކޯޓަށް ގޮސްގެން ކަމަށް ނަޝީދު ވިދާޅުވި ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެން ރައީސް ނަޝީދުއާ ބައްދަލު ކުރި ދުވަހެއްގައި، ދަށު ކޯޓުގެ ހުކުމް ނުވެސް އަންނަނީސް، އެމަނިކުފާނު ވިދާޅުވި ދަށު ކޯޓުން ރައީސް ޔާމީނަށް ހުކުމް އިއްވާނެއޭ، ދެން ތި ބޭފުޅުން ހައި ކޯޓަށް ވަޑައިގެން ކުރިއަށް ގެންދަވާންވީއޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޔާމީންގެ ޝަރީއަތް ފެށުނު ދުވަހުން ފެށިގެން ނިމެން ދެން ވެސް ޖޭއެސްސީގައި ތިއްބެވި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން މެދުވެރިކޮށް އެ ޝަރީއަތަށް އެކި ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ފުލުހުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ގާޒީންގެ އޯޑިއޯ ތަހުލީލު ކުރިއިރު، އެ ތަހުލީލު ބަލައިނުގަންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ބައިނަލް އަގްވާމީ ފޮރެންސިކް ތަޖުރިބާކާރަކަށް އަޑުތައް ތަހުލީލު ކުރަން ހަވާލު ކުރަން ވެސް ގޮވާލެއްވިއެވެ.

ޔާމީންގެ މައްސަލަ ހިނގައިދިޔަ ގޮތް

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

އެއީ އޮޅިގެން ފޮނުވި ފޮޓޯއެއް ކަމަށް ހައިލަމް ވިދާޅުވެ މައާފަށް އެދިވަޑައިގެންފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއިރު، އޭނާ މަގާމުން ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުން އޭނާ ވަކި ކުރަން ވޯޓަށް އެހުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވީއެވެ. އަދި ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ހައިލަމް ވެސް ތުހުމަތު ކުރެއްވިއެވެ.

ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަން

    ކޮންމެ ގޮތަކަށް ހުކުމް ކުރިޔަސް ވައްކަން ކުރިކަން އަބުދުއްރަހީމް އަށްވެސް އެގޭނެ. އެހެންވީމަ އެ ހުކުމް ކުރެވުނީ ރަގަޅަށްކަން އަބުދުއްރަހީމްއަށް އޮޅިފަކާ ނުވާނެ.

    4
    11
  2. އަލްޖިބްރާ

    ނަޝީދު އެކަޏެއްނޫން ޔާމީނަށް ހުކުމް ކުރާނެ ކަމަށްބުނީ ! ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ ޔާމީނަށް ހުކުމްކޮށް ޖަލަށް ފޮނުވާނެ ދުވަހަކަށް އެދި އެދި ! އެކަން އެއޮތީ ފެންނަން ! ޔާމީނު އެވަނީ ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިފަ ! އަނިޔާވެރިންގެ ނިމުންއަންނާނީ އެކިމީހުނަށް އެކި ސަފައިގަ !

    4
    17
  3. މުހަންމަދު

    ވަލިއްޔުލް އަމްރުގެ އެކައުންޓަށް ފައިސާ ވަނީމަ ޙުކުމްވެސް ކުރާނެ.

    5
    9
  4. ހަލާލު

    ތިކަލޭގެ ވަނީ ޔާމީނު ބަންދުކުރުމަށް ސާލިހަށް އަންގައިފައި އެއީ ޔާމީނަކީ ރައްޔިތުންގެ ތާއިދު ލިބިފައިވާ ބޭފުޅެއްކަން ޔަގީންވާތީ ޔާމީނު ދޫކޮށްލަންޖެހެއި

  5. ތާރިގު

    ތިޔަ ނަޝީޯދަކީ މިގައުގައިހުރި އެންމެ ބޮޑު ޚިޔާނާތްތެރިޔާ! މައިދޮރާށި ވިއްކާލީ އެންމެ 75 މިލިޔަން ޑޮލަރަށްކަމަށް ބުނާއިރު އެ ޑޮލަރުގެ ތެރެއިން ދައުލަތުގެ ޚަޒާނާއަށް ވަދެފައިވާކަމަށް ހިސާބުތަކުން ދައްކަނީ އެންމެ 40 މިލިޔަންޑޮލަރ! ދެންހުރި ޑޮލަރަށް ވީގޮތެއްވެސް ނޭގޭ! އަހަރެންގެ ރައްކައިރީގައި އޮން ރިސޯޓެއް އޯނަރު 75 މިލިޔަން ޑޮލަރަށްވެސް ނުވިއްކީ! ސިކުޑި ހަމަޖެހޭ މީހަކު ރާއްޖޭގެ ވައިގެ ބަސަރު 75 މިލިޔަން ޑޮލަރަށް ވިއްކައިފާނެ ކަމަށް ގަބޫލެއް ނުކުރާނެ! 75 މިލިޔަން ޑޮލަރަށްވުރެ މާގިނަ ފައިސާ ޖީއެމް އާރު އިން ސިއްރިޔާތުގައި ނަގައިފައި އޮންނާނެ!މިގައުމުގައި ބޭ އިންސާފުން ދައުވާއެއް ކުރިއަސް، މާރާމާރީއެއް ހިގިއަސް، ހުޅު ރޯކުރިއަސް އޭގެ ފަހަތުގައި ހުންނާނީ ނަޝީދު! އަދުރޭ ކަމެއްކުރަން ބޭނުންނަމަ މިކަލޭގެ ގާނޫނީ ހަމައިގެރޭގައި ދިގު މުއްދަތަކަށް ތޭރިތަކުގެ ފަހަތައް ލެވޭތޯ ބަލައިބަލަ!

  6. ހަންބޭ

    އަލްޖަބުރާއަކީ ހާދަ މައުލޫމާތު ނެތް މީހެއްދޯ! ރައީސް ޔާމީނުގެ ސަރީއަތް ހަމަގައިމުވެސް އަލްޖަބުރާ ބަލައިފައި އޮންނާނެ! އަޅެ އަމިއްލަ ނަފުސައް ތެދުވެރިހުރެ ބުނެބަލަ އެ ސަޜިަތް ކުރިނަލަ ކޯޓުގައި ހިގައި ދިޔައީ އިންސާފުންތޯ! އަލްޖަބުރާ! ލޮލާ، ދުލާ، އަޑިއިމުމާ މިހުރިހާ ގުނަވަންތައް ބޭނުންކުރެވުނު ގޮތާމެދު ސުވާލުކުރެވޭނެ! މިގުނަވަން ތައް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާނަމަ! ދެންވާނެ ގޮތަކާ މެދު ވިސްނާ!