ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 117 ބޭފުޅަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސް ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާފަސް ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅުންނަކީ، 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ސީނިއާ ސުޕަވައިޒަރ، ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި ގަލޮޅު އޮނުހިރި އިބްރާހީމް ޒަކީއާއި، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި ހެންވޭރު އާދުނި ކާނަލް (ރިޓަޔާޑް) ރަންވިއްކާ އާދަމް މަނިކާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި މާފަންނު ގިނަވެލި ލެފްޓިނަންޓް (ރިޓަޔާޑް) އުމަރު މުހައްމަދެވެ.

ދައުލަތަށް ހިދުމަތް ކުރެއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަދި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މިހާރު ރައިސްގެ ރަސްމީގޭގެ ޗީފް، ވީއައިޕ. ވެއިޓާ ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި މާފަންނު ފަތްކޯނި އިބްރާހީމް ހަލީމާއި، 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު، ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން، އުމުރުފުޅުން 65 އަހަރުވެގެން ވަކިވެވަޑައިގެންނެވި މާފަންނު ކުންނުމަލާ ފާއިޒާ އަބްދުލްގާދިރެވެ.

އިނާމު ލިބިވަޑައިގެންނެވި 117 ބޭފުޅުންގެ ތެރެއިން 32 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން އިނާމު ހާސިލު ކުރެއްވީ 30 ބޭފުޅެކެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބު ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ޖަމާއަތުގެ ސިއްހީ އެހީތެރިޔާކަމާއި، ނަރުސް ކަމާއި، މުދިން ކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް ޑިރެކްޓާކަމާއި ޑެޕިއުޓީ ޑިރެކްޓާ ކަމާއި، ޑިރެކްޓާ ކަމާއި ޑިރެކްޓާ ޖެނެރަލްކަމާއި، މެޖިސްޓްރޭޓްކަން އަދި މި ނޫންވެސް ތަފާތު އެކި މަގާމުތަކުގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުން އިނާމު ހާސިލުކުރެއްވިއެވެ.

އޭޣެ އިތުރުން، އެމްއެންޑީއެފްއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، ޔުނިފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ގިނަ އަދަދެއްގެ ބޭފުޅުންނަށްވެސް އިނާމު ލިބިވަޑައިގަތެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެހެންނަމަވެސް، މިއީ މި އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި، ހުށަހެޅުއްވި ބޭފުޅުންގެ އަދަދު ގިނަކަމާއެކު، އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ވަނީ ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަދިސައިބު

    ތިޔަ އިނާމާއެއްކޮށް އާސިޔާނުގެ ގައުމުތަކުން ހިލޭ ބޭސް ފަރުވާގެ ޕެކޭޖެއް ދިންނަމަ ރަގަޅުވީސް ނޫނީ 65 އަހަރުވީމާ ދޭ 5000ރ ވަކި އެއްޗެއްގެ ގޮތުގައި އެބޭފުޅުންނަށް ދިންނަމަ، މިހާރު ދެނީ އެއްބަޔަކަށް 5000ރ އުނިކޮށްފައި އަނެއްބަޔަކަށްދެނީ ޕެސަނަށްލިބޭ 2000ރ އެއްކޮށްގެން ޖުމުލަ 5000ރ މިއީތޯ ޚިދުމަތުގެ އސގުވަޒަންކުރުމަކީ!

  2. ިމުހައްމަދު

    ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި އެންމެހައި ޚިދުމަތްތެރިންނަށް މަރުޙަބާ! ދައުލަތުގެ ކަންކަމާމެދު ބަސްބުނެ ބަސްކިޔާ ބަޔަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ޚިދުމަތްތެރިން ހަދައިގެން ނޫނީ މި ދައުލަތަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އަރައެއް ނުގަނެވޭނެ. ތަރައްޤީގެ ނަމުގައި ސަރުކާރުތަކަށް ރައްޔިތުން މަޖުބޫރުކުރުވައިގެން ނުވަތަ ސަރުކާރު ހިންގަން އަންނަ ބަޔަކު މަގާމު ހޯދުމުގެ ބޭނުމުގައި ކުރާ ކަންކަމުގެ ސަބަބުން އެއްދުވަހުން އަނެއް ދުވަހަށް ނޭގިތިބެގެން ނަމަވެސް ނުވަތަ އެނގިތިބެގެން ނަަމަވެސް މިދައުލަތް މިދަނީ ހަލާކުވަމުން. މި ކަމުގެ ޒިންމާ އުފުލަންޖެހޭނީ ހަމަ ރައްޔިތުން. ތަރައްޤީ ބޭނުންވާނަމަ، ފަސޭހަ ދިރިއުޅުމެއް ބޭނުންވާނަމަ ގިނަވެގެން 10 ވަރަކަށް ރަށުގައި ދިރިއުޅުމުގެ ވިސްނުމެއް ރައްޔިތުން ގެންގުޅެންވެއްޖެ. ވެރިކަމުގެ ދުވަހުގައި ޤައުމާމެދު ފުންކޮށް ވިސްނަވައިގެން ތަރައްޤީގެ ނަމުގައި ރައްޔިތުން މިހާރު މި ވިސްނާ ދޯދިޔާ ތާކުންތާކުނުޖެހޭ ވިސްނުން ދޫކޮށްލަންވެއްޖެ.

  3. ވަހީދުބެ

    ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރިކަމާއި ކުރި ޚިދުމަތް ފާހަގަކޮށް އިނާމުދިނުމަކީ ދައުލަތުގެ ޒިންމާއެއް. އެއިނާމު ހޯދަން އަމިއްލައަށް ހުށަހަޅަން ޖެހިގެންނުވާނެ.