ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު (ވައިޓް އެލާޓް) މޫސުމާއު ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.

މެޓް އޮފީހުން ދެންމެ ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލު ނެރެފައިވަނީ މިރޭ 21:00 އިން ފެށިގެން މިރޭ 12 އާއި ހަމައަށެވެ.

ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މިރޭ 21:00 އާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ވަނީ ނެރެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާ މި ދުވަސްކޮޅުގައި އެމްއެންޑީއެފުން ވެސް ވަނީ ކުރިއަށް އޮތް ތިން ދުވަހު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ކުދި އުޅަނދުތައް އެދުވަސްތަކުގެ ރޭގަނޑުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.