ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން ފައިގައި ހަރު ކުރެވޭ ގޮތަށް ހުންނަ "މޮނިކޮން ޓެގް" ހޯދަން ހޯމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މީހުން މޮނިޓަރ ކުރުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމް ގާއިމު ކުރުމަށް ބޭނުންވާ ތަކެއްޗާއި، އެ ހިދުމަތް ގާއިމުކޮށްދިނުމާއި، އަދި ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާނުކޮށްފައެވެ.

އެ އިއުލާނުގައި ވަނީ ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން މައުލޫމާތުތައް [email protected] އަށް މެއިލް ކުރުމަށް އެދިފައެވެ.

މޮނިކޮން އަމުރު ނެރެގެން ކުރިންވެސް ބައެއް މީހުންގެ ފައިގައި ފުލުހުން ޓެގް އެޅުވިއެވެ. ކުރީގެ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރުގެ ދުވަސްވަރު ޓެގް އަޅުވަން ފެށުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެކަން އޭރު ހުއްޓުނެވެ. މޮނިކޮން އަމުރުގެ މުއްދަތަކީ އެއް އަހަރެވެ.