ވަކި ސިޔާސީ ޕާޓީއަކާ ދިމާއަށް "ލާދީނީ" ގޮވައި މުޖުތަމައު "ފަސާދަ" ކުރާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ދެ ބިލު އެއްކޮށްލައި އެއް ބިލެއްގެ ގޮތުގައި ތަޅުމަށް ފޮނުވަން ނިންމުމަށް ފަހު، ޖުޑިޝަރީ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވަވައިފައެވެ.

މި ރިޕޯޓްގެ ބަހުސްގައި ފުރަތަމަ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ފުރަތަމަ ބިލު ފޮނުވިއިރު އެނގިގެން ދިޔައީ ދީނަށް ފުރައްސާރަ ކުރާ "ލާދީނީ" މީހުނަށް ސަރުކާރުން ހިމާޔަތް ދޭން އުޅުނު ކަމެވެ.

އެކަަމަކު ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި ކަމާ ދެކޮޅަށް އަޑު އުފުލަން ފެށުމުން، ސަރުކާރާއި މަޖިލީހަށް ވެސް ބިލަށް ގިނަ އިސްލާހުތަކެއް ގެންނަން މަޖުބޫރުވީ ކަމަށް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ބޮންޑެ ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އުފައްދައިގެން ދީނުގެ ސިޔާސަތުތަކަށް އިސްކަން ދޭން ޖެހޭ ގޮތަށް ސަރުކާރު ތަރުތީބު ކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ.

އެމްޑީޕީ އުފެދުނުތާ ޖީލެއް ފަހަނައަޅާ ދިޔައިރު، ފުރަތަމަ އެމްޑީޕީ ހަރަކާތްތެރިވި މާހައުލަކީ ދީނީ ނަސޭހަތް ދީގެން ދީނީ އިލްމުވެރިން ޖަލަށް ލެވުނު ޒަމާނެއް ކަމަށާއި އެމްޑީޕީ ނުކުތީ ދީނުގެ ހަމަތަކުގެ ދިފާއުގައި ކަމަށް ބޮންޑެ ވިދާޅުވިއެވެ.

އެހެންވިޔަސް ތަފާތު އެކި ފޯރަމްތަކުގައި އެމްޑީޕީއަށް ލާދީނީ ގޮވައި މުޖުތަމައަށް އެހެން މަންޒަރެއް ދައްކަން އުޅުމަކީ ދެރަވަރު ކަމެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެފަދަ ޕާޓީތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ހުއްދަ ދިނީ ސުލްހައަށް، އެ ވިސްނުމާ ޚިލާފަށް މުޖުތަމައު ބައިބައި ކުރުމަކީ ހުއްޓުވަން ޖެހޭ، މުޖުތަމައި ބައިބައިކުރާ ޕާޓީތަކާ މެދު އިލެކްޝަންސް އިން ފިޔަވަޅު ވެސް އަޅަން ޖެހޭ،" ބޮންޑެ ވިދާޅުވިއެވެ.

މިއިން އެއް ބިލަކީ އާންމު ތަނެއްގައި ކާފަރު ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައަޅާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އޭގެ އިބާރާތް ފުރަތަމަ އޮތް ގޮތުން ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅޭ ކަމުގެ ކަންބޮޑުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވިއެވެ.

ދެން ހުށަހެޅި ބިލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލް ކުރާ ބިލެކެވެ. މި ދެ ބިލު ވެސް ހުށަހެޅުއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ލާދީނީ

  ފަސާދަ ވެފައިވާ ބަޔަކާއި ދިމާލަށް ލާދީނީ ގޮވުމަކުން އިތުރަށް ވާނެ ފަސާދައެއް ނެތެވެ. ކަލާމެންނަކީ ހަމަ ފަސާދަ ކުރާމީހުންނެވެ. އެކަން ކަލޭމެނަށް އިހުސާސް ނުވަނީއެވެ.

  40
 2. އަހުމަދު

  ލާދީނީ މީހުންގެ ފަސާދަ މާ ބޮޑު. ނަޝީދުމެނަށް ލާދީނީ އޭ ގޮވީމާ ހަޖަމު ނުވަނީ

  43
 3. ހަސަން

  މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކދައްކާ މީހުން ޚާއްސަކޮށް ޒާތީވެ އުޅޭމީހުންނަށް ފިޔަވަޅު އަޅަންޖެހޭ. މަގާމުން ދުރުކުރަންޖެހޭ

  36
 4. ހުސޭނުބޭ

  މިއީތަ ބުއްޅަބޭ ގެންގުޅޭ ބޮޓު

  15
 5. ޖޭމްސް ބޮންޑޭ

  ބޭކާރު އަންގަ ނުތަޅާ ލާދީނީ ހަރުކަށި ފިކުރުގެ އެމްޑީއެން އާމެދު ހަރުކަށި ފިޔަވަޅުއަޅާ.
  #ނޯގޯތި ނޯވޯޓް
  #ކެހިވެރި ފަތިސް

  11
 6. ޢަލީ

  އިންޝާﷲ ދެން ތި ލާދީނީ ބައިގަނޑު ނުހޮވޭނެ

  15
 7. އަލީ

  ހަރުކަށި ފިކުރޭ ގޮވާމީހުންގެ މައްޗަށްވެސް ފިޔަވަޅު އަޅަންޖެހޭނެ. އެމް ޑީ ޕީ އަކީ ހަމަލާދީނީ ފިކުރުގެ ޕާޓީއެއް.

  13
  1
 8. Anonymous

  ކަލޭމެންނަކީ ލާދީނީ ބައެއް. ލާދީނީ އެމްޑީޕީ އަކީ ފަސާދަ ކުރާ ޕާޓީއެއް

  12
  • ޠ

   އެމީހުން ހީކުރަނީ ލާދީނީއޭ ބުނީމަ އެއީ ދިޏުން ބޭރުވެފައިތިވި ބައެކޭ ބުނަނީކަމަށް. ހިސާބަށްވުރެ ބޮޑަށް ޖާހިލުވީމަ ވާނެ އެހެން

 9. އަޙްމަދު

  ހަމަ ތިމޭރުމުން ކަލޭމެންނަށް ކޭރޭނެތަ އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންނަށް ފިޔަވަޅުއަޅަން! އެމީހުންވާނީ އަބަދުވެސް ސިކުނޑި ހަމަނުޖެހޭ ބަޔަކަށްވާނީ!!!

  10
 10. އަޗާ

  ލާދީނީއޭ އެންމެ ބާރަށް އެންމެ ކުރިން ގޮވި ޕާޓީ ކޯލިޝަންގަ ބަހައްޓައިގެން ތި ތިބެނީ އަދިވެސް. އެހެން ގޮވާ މީހުންނަށް ފިޔަވަޅު އަޅަންޏާ އެންމެ ކުރިން އެހެން ގޮވި އިމްރާނާ ގާސިމަށް ފިޔަވަޅުއަޅަންޖެހޭނީ.