ފައިސާ ޗާޕް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރު ކުރަން ސަރުކާރުން އެދި، ޖުމުލަ 7.7 ބިިލިއަން ރުފިޔާ ޗާޕް ކުރަން ސަރުކާރުން މަސައްކަތް ކުރަން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގޮވާލައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޖެޓުގެ އިތުރަށް ޚަރަދަ ކުރެވޭނީ ދައުލަތުގެ ތިން އަހަރުގެ އާމްދަނީގެ އެކެއް އިންސައްތަ ކަމަށް ވިޔަސް މި މާއްދާތައް ސަސްޕެންޑް ކޮށްގެން މިހާތަނަށް 4 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރޮޓީ މަޖިލީހުން އޮވެ ފައިސާ ޗާޕުކުރަން ހުއްދަ ދިން އިރު، ފައިސާ ދައްކާނެ ގޮތުގެ ޕްލޭންއާއި އެ ފައިސާ ޗާޕުކޮށްފައި އެ ބޭނުންކުރާނެ ގޮތުގެ ތަފްސީލް ހާމަ ކުރުމަކީ ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް ކަމުގައި ވިޔަސް މިހާތަނަށް ފައިސާ ބޭނުން ކުރި ގޮތުގެ ތަފްސީލް ދީފައި ނުވާ ކަމަށެވެ.

އަންނަ އަހަރު ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ދާން ނިންމިއިރު، މިހާ ގިނަ އަދަދެއްގެ ފައިސާ އަނެއްކާ ވެސް ޗާޕް ކުރުމަކީ އޭގެ ސަބަބުން ތަކެތީގެ އަގު އުފުލި، ޑޮލަރުގެ އަގު ބޮޑުވެ، ދިވެހިންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

އާލަމީ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ކަނޑައަޅާފައިވާ މޮރެޓޯރިއަމްގެ މުއްދަތު ނިމި އިންކަމް ސަޕޯޓު ދިނުން ހުއްޓާލާފައިވާއިރު މިހާ ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރުމަކީ ވިޔަފާރިތައް ބަނގުރޫޓުވެ ކުދި ވިޔަފާރިތައް އެއްކޮށް ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް އިދިކޮޅުން ދެކެއެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަތައް ކުޑަ ކުރަން އިދިކޮޅުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ. އަދި ކޮރަޕްޝަން ހިންގަން ބޭނުން ވެގެން ވިޔަސް ފައިސާ ޗާޕު ނުކުރަން އިދިކޮޅު ދެ ޕާޓީން ގުޅިގެން ނެރުނު އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފްރާޑާ އައިނު

    ޕީޕީއެމް ސަރުކާރުން ފައިސާ ޗާޕްކުރުމަށް ފަހު ގެނައި 1000 ރުފިޔާގެ ޕެލެޓްތައް ކޮބާތޯ ؟؟؟؟؟؟؟؟

  2. Anonymous

    100 ބިލިޔަން ޕުރިންޓު ކުރަން ނިންމި ނަމައެއްނު.

  3. ގީތާ

    ޗާޕްކޮށްފައި ބަހައްޓާ. ބޯކޮށް ޗާޕްކުރާތި. ދެން ބުނޭ އިގްތިސާދު ހުރީ ވަރަށް ސީދާ ކޮށޭ. ވަރަށް ބާރަށް ކުރިއަރަޔޭ އެބަ.