ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ތިން އަހަރަކީ ޖުމްހޫރީ ތާރީޚްގައި މިނިވަންކަމަށް އެންމެ ނުރައްކާތެރިވި ތިން އަހަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިތާ މިއަދު ތިން އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޖަމީލް ވިދާޅުވީ ދުސްތޫރުން ބޭރުން ކެބިނެޓް ހިންގާތާ ތިން އަހަރު ވެއްޖެ ކަމަށެވެ. އިޤްތިޞާދުގެ އޭބީސީޑީ ނޭނގި ހިންގާތާ ވެސް ތިން އަހަރު ވެއްޖަ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ވެރިންނަށް ސަރުކާރުގެ ގޯސްތައް ނުފެންނަ ކަމަށެވެ. މިއީ ކުޅުންތެރިން ހަދާ ގޯސްތަކަށް ފޯކަސްކުރާ ޖޯކަރުން ތިބި ތިން އަހަރު ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ޑރ.ޖަމީލް "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމަކީ އިސްތިގުލާލާއި ސިޔާދަތަށް "ބަނަ ކަޅު ވިލާގަނޑެއް" ކުރިމަތި ކުރުވި ދުވަސްތަކެއް ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މަޝްރޫއުތައް ހިންގަން ބޭރުގެ އެހީތެރިކަން ހޯދި ނަމަވެސް މި ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ފެންނަނީ އިންޑިއާގެ އަސްކަރީ ބާރަށް ދިވެހިންގެ ހަރު މުދާ ދެމުންދާ މަންޒަރު ކަމަށް ޑރ.ޖަމީލް ވިދާޅުވެއެވެ. "ދިވެހިންގެ އިސްތިގުލާލަށް ގެންނަ ވަރަށް ބޮޑު ބަޣާވާތެއް މިއީ. މީގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ އިތުރުން ސަލާމަތީ ބާރުތަކުގެ ވެރިން ވެސް ނަގަން ޖެހޭނެ،" ޑރ.ޖަމީލް ވިދާޅުވިއެވެ.

"ތަރައްގީގެ އެންމެ ގަލެއް ވެސް ނުބޭއްވޭ، ތިން އަހަރު ތެރޭ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ލޯނު ނަގައިގެން ތަރައްގީއަށް ކުރި ކަމެއް ނެތް، ނެގި ދަރަނިން ކުރި ކަމަކީ ސިޔާސީ މަގާމު އުފައްދައި، ކައިރި ކުދިންކޮޅަށް މުސާރަ ދޭން ފެށީ،" ޑރ.ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުގެ މި ވައުދުތައް ފުއްދުމުގެ ނިޔަތް ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭ ނެތް ކަމަށް ޑރ.ޖަމީލް ވިދާޅުވެއެވެ. އެމަނިކުފާނު ސިފަ ކުރައްވަނީ މިއީ "މުނާފިގުކަން ދައްކުވައިދިން ތިން އަހަރު" ގޮތުގައެވެ.

"ތިން އަހަރު، ޖޭއެސްސީ އިސްލާހު ނުކޮށް އެ ތިބީ، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެމްޑީޕީއަށް ދީފި، ތިން އަހަރަކީ ކަމެއް އިސްލާހު ކުރުމުގެ ނިޔަތް އޮތް ބަޔަކަށް، އަދި މި ވަރުގެ ކުޑަ އިސްލާހެއް ގެންނަން، ކުރު މުއްދަތެއް ނޫން އެއީކީއެއް،" ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ޚިޔާނާތުގެ ތުހުމަތު މި ސަރުކާރުގެ ވަޒީރަކަށް ކިތަންމެ ފުޅާ ދާއިރާއެއްގައި ކުރެވުނަސް އެ މައްސަލާގައި ދައުވާއާ ހަމައަށްވެސް ނުދާ ކަމަށެވެ. އެކަމަކު ވަރަށް ހަނި ދާއިރާއަކުން ވެސް ވާދަވެރި ސިޔާސީ ފަރާތަކަށް ކުރެވޭ ތުހުމަތުގައި ދައުވާ ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އި ބޫ

    ކުރީގެ 5 އަހަރު ވެރިކަމުގައި ތިބި ބައެއްގެ ސަބަބުން

    1
    1
  2. ސެންޗޯ

    ކަލޯ ޖަމީލޫ މިހާރުކަލޯމެން ދައްކާ ވާހަކަ އަޑު އަހާނީ ހަމަަ އެކަނި ތިވަގުންގެ ޕާޓީ މީހުން އަޑުއަހާނެ އެހެންބަޔަކު މިރާއްޖެއަކުނެތް ދެންލަލަލާ