ރާއްޖޭގެ ޖަލުތަކުގެ ޖާގަނެތް މައްސަލަ ހައްލު ކުރުމަށް 250 ޖާގަ އިތުރުކޮށް، މާލޭ ޖަލު އަންނަ އަހަރު ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާ އަދި ކަރެކްޝަންސް ގުޅިގެން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަނެ، އެތަން ރަނގަޅު ކުރުމުގެ އުއްމީދެއް ކޮށްގެން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ދެނެގަނެ ހައްލު ކުރުމަށް ކޮވިޑުގެ ހާލަތުގައި ވެސް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއްކޮށް، ރިމާންޑް އަދި އެހެނިހެން ކުށްވެރިންނަށް ވެސް މިހާރު އިތުރު ޖާގަ ހަދާފައިވާ ކަމަށެވެ.

"މިދިޔަ މުއްދަތުގެ ތެރޭގައިވެސް މި ގޮންޖެހުންތަކާއެކުވެސް، ކަރެކްޝަނަލް ސާވިސްގެ ދަށުގައި ހިނގާ ޖަލުތަކަށް 250 ޖާގަ އަޅުގަނޑުމެން ވާނީ އިތުރު ކޮށްފައި. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް. މިހާރު ވަނީ އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމުގެ ފަހުގެ މަރުހަލާގައި" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އުއްމީދަކީ 2022 ވަނަ އަހަރު ފެށިގެންދާއިރު، ޕްރޮޖެކްޓް ފެށިގެން ދިއުން ކަމަށާއި އެކަން އެގޮތަށް ވެއްޖެނަމަ، ރިމާންޑް ޖާގައަށް 400 ޖާގަ އިތުރުވެގެން ދާނެ ކަމަށެވެ.

"މިއީ މިހާރު ހާއްސަކޮށް ރިމާންޑް ކުށްވެރިން ގެންގުޅެން ޖެހިފައިވާ ވުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަށް ލިބިގެންދާނެ ވަރަށް ފުރިހަމަ ހައްލެއް. އޭގެ ސަބަބުން ރިމާންޑު ކުށްވެރިންނަށް ގާނޫނު އަސާސީގައި ބުނާފަދަ ހައްގުތައް ލިބުމުގެ ފުރިހަމަ މަގު އިރާދަކުރެއްވިއްޔާ ތަނަވަސްވެ، ފަހިވެގެންދާނެ" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތޭރިއެމްވީ

    ޖާގަ އިތުރުވާނެ، 2 މީހުންނަށް ތިބެވޭ ވަރުގެ ގޮޅިތަކަށް 5 މީހުން ލީމަ، އެއީ މިސަރުކާރުން ޖާގަ އިތުރު ކުރި ގޮތަކީ. މިއީ ދޮގެއްތޯ ބަލާލަން އާއްމުން ވައްދަބަލަ މާފުށީ ޖަލުގެ ޔުނިޓްތައް ބަލާލަން. އިރު އިރުކޮޅުން އެތަނަށްދާ ހިއުމަން ރައިޓްސް އަކަށްވެސް އެ މަންޒަރެއް ނުފެނޭ. ލޯކަނު ބައެއް އެތަނަށް ދަނީ.

  2. އުގުރި

    ފުރަތަމަ ކަމަކަކީ އިމްރާނަކީ ދީނީ އިލްމު އުގެނި ދީން ކިޔަވާފައިވާ ހޯމް މިނިސްޓަރެކެވެ އެމަގާމުގައި ހުރެ ދީނާ ދެކޮޅު ކަންތައްތައް ހުއްޓުވާ ތަނެއް ނުފެނެއެވެ. ދެނެއް ހިޔެއް ނުވޭ މީނަގެ ފަރާތުން ހެވެއް ފެއްނާނެހެނެއް.