ށ. ކޮމަންޑޫން ވަކި ތަރުތީބެއް ނެތި ގިނަ ސުންކުތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާނު "ވަގުތަށް" ވިދާޅުވީ، އެންމެ ފުރަތަމަ އެރަށުން މީހަކު ކޮވިޑަށް ފައްސިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެދުވަހު ކޮވިޑަށް ފައްސިވެފައިވާ ބުރާސްފަތި ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ދެ ސުންކު ކަމަށެވެ.

އޭގެ ފަހުން މީގެ ދެދުވަސް ކުރިން ވަކި ތަރުތީބެއް ނެތި ސުންކުތަކުގެ ތެރެއިން 10 ސުންކެއް ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ.

"މިހާތަނަށް 45 ސުންކެއް ނެގިއްޖެ. އޭގެ ތެރެއިން ޖުމްލަ 12 މީހަކު ފައްސި. ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް. މިހާރު ސްކޫލު ކުއްޖެއް ވެސް މިވަނީ ކޮވިޑަށް ފައްސިވެފައި" ސިނާން ވިދާޅުވިއެވެ.

ކޮމަންޑޫން ގިނަ ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިވަގުތު ސިއްހީ މަރުކަޒާއި ގުޅިގެން ގާތުން އެއްތާވި މީހުން ހޯދައި ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ، އެރަށުން ކޮވިޑް-19 ފެނުނު ނަމަވެސް މިވަގުތު ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކައުންސިލަށް އަންގާފައެއް ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    ހެލްތުސެންޓަރު ހިންގާމީހުން އެލަވަންސް ހޯދަން ކުރާކަމެއް. ބަލިޖެހޭ މީހުންނަށް ބަލިޖެހޭކަން ނޭގި ޓެސްޓް ކިޓަށް އެގޭ ބައްޔެއްގައި މިވަރު ކުރާކަށް ނުޖެހޭ!