ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ މި މަހުގެ ނިޔަލަށް ގުޅާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ ވާހަކައަކީ ރާއްޖެ އަށް ވަރަށް މަޝްހޫރުވެގެން ދިޔަ ވައުދެކެވެ. އެ ވައުދު ރައީސް ސޯލިހް އެންމެ ފުރަތަމަ ވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރޭގައެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހާރު އަޑު އިވިފައި އޮތް ގޮތުން ނަމަ، ކޮމަންޑޫ އާއި މަތި ކޮމަންޑޫއަކީ ވަކިން އޮންނަ ދެ ރަށެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އެ ދެ ރަށް ގުޅާލާ ތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫއަށް ބޭނުން ކުރާ ޑްރެޖަރު ހއ. އިހަވަންދޫ އަށް ވަނީ މިސްރާބު ޖަހައިފައެވެ. އަދި އެ ރަށުގެ ބިން 7-9 ހިއްކާ ނިންމުމަށް ފަހު، ދެން ޑްރެޖަރު ދަތުރު ކުރާނީ ކޮމަންޑޫ އަށް ކަމަށާއި މި މަހުގެ ފަހު 10 ގައި ޑްރެޖަރު އޮންނާނީ ކޮމަންޑޫގައި ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޮގަސްޓް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު ނިންމާލެވޭނެއެވެ.

ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލައި އެއް ސަބަބަކީ ކޮމަންޑޫއަކީ ބިން ކުޑަ ރަށަކަށްވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ކޮމަންޑޫ އާއި މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނައިރު، މި މަޝްރޫޢުގެ ދަށުން އެކުންފުނިން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު ހިއްކުމުގެ ތައްޔާރީތައް ފަށާފައެވެ. އެގޮތުން އެރަށުގެ ހިއްކާ ސަރަހައްދުގައި މިހާރު ވަނީ ބަންޑްވޯލް ޖަހާފައެވެ.

ޕްލޭނިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ދެރަށުގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކޮަމަންޑޫގައި 1960 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި، ޖުމްލަ 353 މީތަރުގެ ބޮޑުހިލައިގެ ފައިކަށި، އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮަމަންޑޫގައި ގާއިމް ކުރުން ހިމެނެވެ.

އަދި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.