ރ. ވާދޫގައި މީދާ ހިފުމުގެ މުބާރާތެއް ބާއްވައިގެން އެ ރަށުގައި ހިންގާ ކުޅިވަރު ހަރަކާތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ވާދޫ ކައުންސިލުން ފުޓްސަލް މުބާރާތް ނުބާއްވައި މީދާ ހިފުމުގެ މުބާރާތެއް ބާއްވާތީ އެ ރަށު ޒުވާނުންތަކެއް އެކަމާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ. އެ ޒުވާނުން ކައުންސިލާ ހަވާލާދީ ބުނި ގޮތުގައި ފުޓްސަލް މުބާރާތް ބާއްވަން ކައުންސިލްގެ ބަޖެޓެއް ނެތެވެ. އަދި ކައުންސިލްގައި ނެގި ވޯޓުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނުފެންނަ ކަމަށް ވޯޓަށް އަހައި ނިންމާފައިވާ ކަމަށް ވެސް އެ ރަށުގެ ބައެއް ޒުވާނުން ވަނީ ތުހުމަތުކޮށްފައެވެ.

އެ ވާހަކަތައް ދޮގުކޮށް ވާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވާދޫގައި ހަތަރު ވަނަ ދައުރަށް އިންތިހާބުވި ކައުންސިލްގެ މި ދައުރުގައި މިހާތަނަށް ބޭއްވި އެއްވެސް ރަސްމީ ބައްދަލުވުމެއްގައި، ފުޓުސެލް މުބާރާތެއް ބޭއްވުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށެވެ.

އަދި އެ މައުޟޫއުގައި އެއްވެސް މަޝްވަރާއެއްކޮށް ވޯޓަށް އަހާފައި ނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ވާދޫގައި ފުޓްސެލް ކުޅޭ މަދުބަޔަކު މިއަމަލު ހިންގާފައިވަނީ ކައުންސިލާ މެދު ނަފުރަތު އުފެއްދުމުގެ ގޮތުން ކައުންސިލަށް ނިސްބަތްވާ މެންބަރެއްގެ ފަރާތުން ދީފައިވާ ދޮގު މައުލޫމާތެއްގެ ސަބަބުންކަން މިކައުންސިލުން ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.

ވާދޫ ކައުންސިލުން ބުނި ގޮތުގައި ވާދޫގެ އާބާދީ ކުޑަވުމުގެ ސަބަބުން ސަރުކާރުން ދޭ ބަޖެޓު ކުޑަވުމާޢި އާމްދަނީ ލިބޭނެ މާ ގިނަ ވަސީލަތްތަކެއް ނެތުމާއެކު ކައުންސިލް ހިންގަމުން ގެންދަނީ ވަރަށް ކުޑަ ބަޖެޓަކުންނެވެ.

ނަމަވެސް ކައުންސިލްގެ ބުރަ މަސައްކަތުން އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި ސަރުކާރާ ގުޅިގެން ވާދޫގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަސީލަތްތައް އިތުރު ކުރުމަށް ބުރަ މަސައްކަތްތަކެއްކޮށްފައި ވާނެ ކަމަށް ބަޔާނުގައިވެއެވެ. ރ. އަތޮޅުގައި ޓާފް އަޅައިގެން ގާއިމު ކުރި ފުރަތަމަ ތިން ފުޓްސަލް ދަނޑުގެ ތެރޭގައި ވާދޫގެ ފުޓްސަލް ދަނޑު ހިމެނެއެވެ.

މި ބަޔާނުގައި 2017 ވަނަ އަހަރު ފުޓްސަލް ދަނޑު އެޅީ ފަހުން، އެތަނަށް ގެނައި ބަދަލުތައް ފާހަގަކޮށްފައިވެއެވެ. އަދި މިހާތަނަށް ބޭއްވި ފުޓްސަލް މުބާރާތްތަކަށް ކައުންސިލުން އެހީތެރިވި ކަން ފާހަގަކޮށްފައިވެއެވެ.

ވާދޫ ކައުންސިލުން ބުނީ މި ހިނގާ ކައުންސިލްގެ ބަޖެޓުގައި އެތައް ދަތިކަމެއްގެ ތެރެއިން ވެސް މިހާރު ވެސް ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް 23،000ރ. ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

"ފުޓްސަލް ކުޅިވަރަކީ މި ކައުންސިލުން މިހާތަނަށް އެންމެ ގިނަ ހަރަދުކޮށް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އެއް ކުޅިވަރެވެ. ވާދޫގައި ބޭއްވުމަށް ކަނޑައެޅިފައިވާ މީދާ މަދު ކުރުމުގެ ހަރަކާތަކީ ކައުންސިލްގެ ބަޖެޓުގައި ޕެސްޓް ކޮންޓްރޯލް ކުރުމަށް ކަނޑައެޅިފައިވާ ވަކި ބަޖެޓަކުން ކުރިއަށް ގެންދާ ހަރަކާތަކަށްވާ އިރު، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިކަމުން އެއްވެސް އަސަރެއް ނުކުރާނެ،" ބަޔާނުގައިވެއެވެ.

އެހެންވެ، ފުޓްސެލް މުބާރާތެއް ބޭއްވުމަށް ބަޖެޓް ނެތްކަމަށާއި، ކައުންސިލްގެ މެޖޯރިޓީ ނެތްކަމަށް ބުނެ ކައުންސިލާއި ކައުންސިލްގެ މެމްބަރުން ބަދުނާމުކޮށް، ކައުންސިލްގެ އިދާރާގެ އަގުވައްޓާލާ، ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި، ފިތުނަ އުފެދޭގޮތަށް ދޮގު ޚަބަރު ފަތުރާފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެއެވެ.