ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރޭ ނިންމަވާލައްވައިފިއެވެ.

ނައިބު ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސް އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބް ރައީސް އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުއެވެ. އެމަނިކުފާނު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީކޭޓީޓސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ނައިބް ރައީސް، ބަންގްލަދޭޝްގެ ރައީސްއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން/ ފޮޓޯ: ރައީސް އޮފީސް

އަދި ރާއްޖޭގެ ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ އޭކޭ އަބްދުލް މޮމެންއާއި، މިނިސްޓާ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް އިމްރާން އަހުމަދާއި، ޔޫތް މިނިސްޓަރު އެމްޑީ ޒާހިދު އަހްސަން ރަސަލްއާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ ދީޕޫ މޮނީއާއި، ހެލްތް މިނިސްޓަރު ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުސަތުތައް ގަބޫލުފުޅު ކުރައްވާފައެވެ.

ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ އަރިހަށް ނައިބް ރައީސް ވަނީ އިހްތިރާމުގެ ޒިޔާރަތެއްކުރައްވައި މަޝްވަރާކުރައްވާފައެވެ. ޑާކާގެ ހޮޓެލް އިންޓާ ކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި ދަރި

    ދިވެހިރާއްޖެ ކަން އަންގައިދޭނެ ދިދަ އެއްވެސް ފަހަތުގައި ބެހެއްޓުމަށް ލަދު ގަންނަނީތޯ؟ ތިވަރުގެ މީހުން ރާއްޖޭގެ ނަމުގަ ތަންތަނަށް ނުދިއުން މާ ރަނގަޅުވާނެ.