ލ.އަތޮޅު ގަމު ކައުންސިލުން އެރަށުގެ ގޮނޑުދޮށަށް ކުނި އަޅަމުން ގެންދާތީ ރަށުގެ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ގަމުގައި ކުނި އުކަން ކައުންސިލުން ހަމަޖައްސާފައި އޮންނަ އުސޫލަކީ ކޮންމެ ގެއަކުން ވެސް ކުނި ނެގުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ މުވައްޒަފުންނެވެ. ގެތަކުން ކުނި ނަގައިގެން ކުނިކޮއްޓާއި ހަމައަށް ކުނި ގެންނަނީ ކައުންސިލްގެ ވެހިކަލްގައި ކައުންސިލްގެ މުވައްޒަފުންނެވެ.

ނަމަވެސް މިހާރު ކުނިކޮއްޓަށް ކުނި އެޅުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ކުނި އަޅަމުން ގެންދަނީ ކުނިކޮއްޓާއި ދިމާލުން ގޮނޑުދޮށަށެވެ.

ކައުންސިލް މުވައްޒަފުން ގޮނޑުދޮށަށް ކުނި އަޅަމުން ގެންދާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ "ވަގުތު" އަށް ލިބިފައި ވެއެވެ.

ގަމުން "ވަގުތު" އަށް މައުލޫމާތު ދިން އާއްމު ރައްޔިތަކު ބުނީ ކައުންސިލްގެ މުވައްޒަފުން ގޮނޑުދޮށަށް ކުނި އެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުނި މޫދަށް ވެސް ދާކަމަށާއި އަދި ބޮޑު ސަރަހައްދަކަށް ކުނިވަސް ފެތުރި މީހުންނަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ޖެހުނު ކޮންމެ ތަނަކަށް އަދި ހާއްސަކޮށް މޫދަށް ކުނިތައް ދާގޮތައް ކުނި އެޅުމަކީ ކައުންސިލުން ކުރި ނަމަވެސް ވަރަށް ގޯސްކަމެއް. މިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުން ވެސް އެއްވެސް ފިޔަވަޅެއް ނޭޅި." ގަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގަމު ކައުންސިލްގެ ހަތް މެންބަރުންނަކީ ވެސް ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންނެވެ.

ރަށުގެ ގޮނޑުދޮށަށް ކުނި އަޅަމުން ދަނީ ކީއްވެތޯ ސާފުކުރަން ގަމު ކައުންސިލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.