އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތައް ބްލޮކް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގުކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ވަނީ ނެރެފައި ކަމަށެވެ.

އެހެންކަމުން، މިއަމުރު ތަންފީޒްކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެކަން 72 ގަޑިއިރު ތެރޭ ތަންފީޒުކުރަން ފުލުހުން ވަނީ އަންގާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ހިންގާ ސޯޝަލް މީޑިއާ އާއި އާންމުކޮށް އިންޓަނެޓްގައި ހިންގާ ހަރަކާތްތަކެއް ހުއްޓުވަން ފުލުހުން ކޯޓުން ހޯދި އަމުރަށް ފަހު، އިންޓަނެޓްގެ ހިދުމަތް ފަރާތްތަކަށް އަންގާފައި ވަނީ އަމުރު ތަންފީޒުކޮށް އެކަން 72 ގަޑިއިރު ތެރޭ ލިޔުމުން އެންގުމަށެވެ. އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން މި އެންގުމާ އެއްގޮތަށް މި މުއްދަތުގެ ތެރޭގައި އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވަސީލަތްތައް ބްލޮކް ކުރަން ކޯޓުން އަމުރެއް ނެރެފައި މިވަނީ އެފަދަ ކަންކަން ހުއްޓުވަން ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެޓަގަރީ

    ހަމަ މިގޮތަށް ބަރަހަނާ ސައިޓް ތަކާއި ބަދުއަޚުލާޤި ކަންތައްތައް ދައްކުވައިދޭ ސައިޓްތައް ބްލޮކޮ ކުރަންވެސް އަމުރެއް ނެރެންޖެހޭ އަމުރެއް ނުނެރުނަސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން އެފަދަ ސައިޓްތައް ބްލޮކް ކުރަންޖެހޭ!

    3
    1
  2. ވާއުވް

    ކޯޓު ނައިސް 😃😃😃😃😃😃🙃🙂🙂🙂🙂🙂🙂🤥😤🤥😣🤥🤓😣🤓😮🤓😵😘🤥😣🤗😣🤥😣🙄😣🙄😙