ހިލޭ އެހީގެ ދަށުން، މާލޭ ސަރަހައްދުގައި ބޭނުންކުރަން އިލެކްޓްރިކް ދެ ބަސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ތައާރަފްކޮށް ރާއްޖޭގައި އިލެކްޓްރިކް މޮބިލިޓީ ކުރިއެރުވުމުގެ މަސައްކަތް ކުރުމަށްޓަކައި، ދެމެހެއްޓިނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ފަހުމުނާމާއެއްގައި ޓްރާންސްޕޯޓާ އެންވަޔަރަމެންޓާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އެ ފަހުމްނާމާގެ ދަށުން މާލެ ސަރަހައްދުގައި ދެ މިނީ ބަސް ގަތުމަށާއި އެއް ޗާޖަން ސްޓޭޝަން ގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދަށް ބޭނުންވާ އިންޓަގްރޭޓެޑް މާސްޓަ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްވެސް ވަނީ ހަމަޖެހިފައެވެ. އެކަމުގެ ސަބަބުން ޑީސަލްއަށް ބަރޯސާވާވަރު ކުޑަކުރެވި ޖައްވަށް ބޭރުވާ ވިހަގޭސްތަކުގެ މިންވަރު ދަށްކުރަން މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ފަހުމްނަމާގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ 2030 ވަނަ އަހަރު ނެޓްޒީރޯ ޓާގެޓު ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތްކުރާއިރުގައި އެންމެ ބޮޑު އެއް ކަމަކީ އެ އަމާޒަށް ވާސިލްވުމަށް ދަތުރުފަތުރު ކުރުމުގެ ނިޒާމު ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދެ ބަސް ހަދިޔާކުރަނީ ގްލޯބަލް އެންވާރަމެންޓް ފެސިލިޓީ (ޖެފް) ގެ ހިލޭއެހީގެ ދަށުންނެވެ. އެ ދެބަހާ އެކު ޗާޖިން ސްޓޭޝަނެއް ގާއިމްކުރުމަށްވެސް އެހީ ލިބޭނެއެވެ.

ޝައުނާ ވިދާޅުވީ އެ މަޝްރޫއުގެ ދަށުގެ ހުޅުމާލޭގައި "ޝެއަރިން" ބައިސްކަލް ސްކީމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. "ބައިސްކަލް ސްކީމުގެ ދަށުން 200 ބައިސަލްގާއިމް ކުރެވޭނެ" އޭނާ ވިދާޅުވިއެވެ. އެއާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފަރުދީ ލެވެލްއެއްގައި އެމިޝަންސް ރެޑިއުސްކުރުމަށް ވަރަށް ބޮޑު ބާރަކަށް އެކަންވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ތިމާވެއްޓާ ދެމެހެއްޓިނިވި ގޮތެއްގައި މެރިޓައިމް ޓްރާންސްޕޯޓު މަސައްކަތް ކުރިއަށް ގެންދިޔުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރިއަށް އޮތްތާ އިލެކްޓްރިކް ބަސްތައް ގެންނާނީ ފޭސްތަކަށް ބަހާލައިގެން ކަމަށެވެ. އެކަންތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ މީހާ

    ލާރިކޮޅެއް ދިރުވާލަން ކުރާކަމެއް

  2. ބަސް ދުއްވާމީހާ

    ބަހުގެ ދިގުމިނައް ވާންޖެހޭނީ ސޯސަން މަގުން ފެށިގެން ގޮސް މާފަންނު ސަހަރާ ހަމަޔައް އޭރުން ދުއްވަން ނުޖެހި ހަރަދު ކުޑަ ވާނެ

  3. ...

    ތިޔަ ގެނެބަލަ ގެންނަނީއޭ ނުކިޔާ.