ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް ޔޫތު މިނިސްޓްރީ އާއެކު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިން އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫގައި ފެން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހުއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ގައުމީ ފެންވަރުގައި ޔޫތް މިނިސްޓްރީއިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މަސައްކަތުގެ މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކޮށް، ތަމްރީނާ ތަޖުރިބާގެ ފުރުސަތު ލިބިގެންދާނެއެވެ.

No description available.
އެމް.ޑަބްލިއު.އެސް.ސީ އާއި ޔޫތް މިނިސްޓްރީއިން އެމް.އޯ.ޔޫގައި ސޮއި ކުރަނީ -- ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ

ފެން ކުންފުނިން ފުތަރަމަ ދެ ބެޗުގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުސަތު ލިބިގެންދާނެއެވެ. މިހާރު އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 15 މުވައްޒަފުން ވެސް އެ ޕްރޮގްރާމުގައި ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.

ޕްރޮގްރާމުގައި ކޮންމެ ބެޗެެއްގެ ބައިވެރިން ހަ މަސް ދުވަހު އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރާނެއެވެ. އަދި ބައިވެރިވާ ދާއިރާގެ ހުނަރުތައް އަމަލީގޮތުން ދަސްކޮށް، ތަމްރީނު ވުުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމު ފުރިހަމަކުރާ ފަރާތްތަކަށް ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގައި ހިމެނޭ ލެވެލް 3ގެ ސެޓްފިކެޓެއް ލިބޭނެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާއި އެއްގޮތަށެވެ.