ކެންސަރު ޖެހިގެން ފަރުވާ ދެމުން ގެންދިޔަ 11 މަހުގެ ދިވެހި އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވީ މިއަދު ހެނދުނު އެވެ.

ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ކުއްޖާ އަށް ފަރުވާ ދެމުން ގެންދިޔައީ ބެންކޮކުގެ ވަޖީރާ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ އައިސީޔޫގައެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ބެންކޮކަށް އައިސްފައިވަނީ އިންޑިއާގައި 10 މަސް ވަންދެން ޑޮކްޓަރަށް ދެއްކުމަށްފަހު ކަމަށެވެ.

"ކުރިން ހެދި 3 ޓެސްޓުން ދައްކަނީ ތިން ވައްތަރު ކެންސަރު ހުރި ކަމަށް. ބެންކޮކަށް އައީ ޖެހިފައިވަނީ ކޮންކަހަލަ ބައްޔެއްތޯ ޔަގީން ކުރަން." ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ކުއްޖާއަށް ޖެހިފައިވަނީ 'އެކިއުޓް މައިލޮއިޑް ލުކީމިއާ' ވިތް ސައިކްލިކް ޕެޓާން ނިއުޓްރޯފީނިއާ ކަމަށާއި ހަލުވި ކަމާއި އެކީ ބަލި ކުއްޖާގެ ހަށިގަނޑުގައި ފެތުރެމުން އަންނަ ކަމަށެވެ.

މިދިޔަ މަހު 13 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ވެސް ކެންސަރު ޖެހިގެން ނިޔާވެފައި ވެއެވެ.