ޖަޕާނަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔުމާއި ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ މުދަލަށާއި، ގެދޮރަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި ޖަޕާނަށް މިހާރު ކުރިމަތިވެފައިވާ ހާދިސާއިން ސަލާމަތްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ރަނގަޅަށް ކުރިއަށްދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެ، އެ ޤައުމުގެ ރައްޔިތުންނަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާކުރައްވާކަމުގައި ހާމަކުރައްވާފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.