ތައުލީމީ ދާއިރާއިން ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.

އެގޮތުން ޓީޗަރުންނާއި ފެކަލްޓީ ތަކުގެ މެދުގައި ބަދަލުކުރެވޭ މުއާމަލާތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއްދީގެން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކޮށް، ދިރުވައި އާލާކުރުމަށް ދެ ގައުމު ދެމެދު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށް ދިޔަ އިސްލާމީ ތައުލީމާއި ސައިންސާއި ސަގާފަތާއި ބެހޭ ޖަމިއްޔާ އައިސިސްކޯ ކޮންފަރެންސެއްގެ ހަވާސާގައެވެ. އައިސިސްކޯ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވަނީ ހޮވިވަޑައިގެންފައެވެ.

ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރު ޝަފްގާތު މަހުމޫދާ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތުގައި ތައުލީމީ ދާއިރާއިން ޢަމަލުކުރަމުންދާ ގޮތުގެ ތަޖުރިބާއާއި، ޑިސްޓެންސް ލާނިން އެޑިޔުކޭޝަނަށް ކެޕިޓަލައިޒް ކުރުމުގެ މުހިންމުކަން ދެފަރާތުންވެސް ހިއްސާކުރެއްވިއެވެ.

އައިސެސްކޯ ކޮންފަރެންސްގައި އައިޝަތު އަލީ ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިމަތިލާން ޖެހުނު ކަންތައްތަކުގެ މައުލޫމާތުވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

އައިސެސްކޯ ކޮންފަރެންސްގެ ރާއްޖޭގެ ވަފްދުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން (ޑރ ޗަބީ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހްމަދު

  ނާށިގަނޑު ހިފައިގެން ދާން ޖެހޭތީ ޕާކިސްތާން ވެސް ފެންނާނެ
  އެހެން ނޫނީ އެއަށް ބުރެ ނުބައި ގައުމެެއ ނެތް ކަމަށް ދެކޭނީ ހުޅަނގުގެ ޚާއިނު މީޑިޔާއިން ކަންތައް ކުރާ ގޮތަށް

 2. ޢަލީ

  ތީ ދައްކާ ދަޅައެއް. އިންޑިޔާއާ މިއޮތް ގުޅުން އޮތްހާދުވަހަކު ތިކަމެއް ނުވާނެ. މިއުޅެނީ އެމީހުންގެ މަތިންދާ ބޯޓަކަށްވެސް އަދި ކަނޑުގެ މަނަވަރަކަށްވެސް ޒިޔަރަތް ނުކުރެވިގެން، ކުރިން ރޯދަމަހު ތަރާވީސް ކުރާމީހުންވެސް ޕާކިސްތާނުން އަންނާނެ. މިހާރު އެމީހުންވެސް ގެނެވޭނެކަމެއް ނޭނގެ. ޤުރުވާން ޓީޗަރުންވެސް ތިގެނައީ އިންޑިޔާއިންނެންނޫންތަ/

 3. ެެނޫ މެެން

  މިހާރު އިންޑިޔާގެ އެހީ ނެތީތަ.ކިހިނެން މިވަނީ.ގޮތްހުސްވީދޯ.

 4. އުދުހޭ ދެ އަތް

  އަސްލު ވީގޮތަކީ މިސްރުގަ އޮތް އިސްލާމީ ގައުމުތަކުގެ ކޮންފަރެންސަށް އައުރަ ނިވާނުކުރާތާ މާ ބޮޑު އޮއްޓަރެއްވެސް ހުރިކަމަށް ނުފެންނަ މީހަަކު ދިޔައީމަ މީ ކިހިނެއްވާ ކަމެއްތޯ ބަލައިލަން ޕާކިސްތާނުގެ މިނިސްޓަރު ބައްދަލުކޮށްލަން އެދުނީ.

 5. ސސ

  އަހަރުމެންގެ ލޮބުވެތި ޕާކިސްތާނާއި ގުޅުން ބަދަހިވުމަކި އުފާކުރާކަމެއް، ހުރިހާ ޤައުމަކާއި ދިވެހިރާއްޖެއިން ގުޅުން ބަހައްޓަންޖެހޭ ވަކި ޤައުމަކަށް ބަރޯސާނުވެ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮންނަން، ދިވެހިރާއްޖެ ޕާކިސްތާން ޒިންދާބާދު !