އިންޑިއާގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އީކޯ ޓޫރިޒަމް ހައި އިމްޕެކްޓް މަޝްރޫއަށް ދޭ ފައިސާގެ ހިލޭ އެހީގެ ތެރެއިން އަނެއްކާ ވެސް 11.4 މިލިއަން ރުފިޔާ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވާލުކުރި ފައިސާ އަކީ އައްޑޫ އިކޯ ޓޫރިޒަމް ޕްރޮޖެކްޓަށް ދޭ ފައިސާގެ ތެރެއިން ތިން ވަނަ އިންސްޓޯލްމެންޓް ކަމަށެވެ. އަނެއް ދެ އިންސްޓޯލްމަންޓް މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި މި އަހަރުގެ މާޗް މަހު ވެސް 11.4 މިލިއަން ރުފިޔާ ސަރުކާރާ ހަވާލު ކުރިއެވެ.

އިކޯ ޓޫރިޒަމްގެ ފަސް މަޝްރޫއެއް ހިންގަން އިންޑިއާއިން ރާއްޖެ އަށް ހިލޭ އެހީދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ދޭނީ ޖުމްލަ 2.49 މިލިޔަން ޑޮލަރު (38 މިލިޔަން ރުފިޔާ)އެވެ.

މި އެހީގެ އެއްބަސްވުމުގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދާނީ ސ. ފޭދޫ، ސ. މަރަދޫ، ސ. ހިތަދޫ، އަދި ހުޅުމީދޫގައެވެ. މި މަޝްރޫއުތަކުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތުތަށް މަގުފަހިވެ، އިކޯ ޓޫރިޒަމްގެ ފުރުސަތު ފުޅާވެގެންދެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މުޖުތަމައުތަކަށް ރަނގަޅު އަސަރުކުރާނެ، "ހައި އިމްޕެކެޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް" އިންޑިއާގެ އެހީގައި ބަައެއް އެހެން ރަށްތަކުގައި ވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެގޮތުން މަރަދު އާއި ހިތަދު އާއި ހުޅުދޫގައި ފިޝް ޕްރޮސެސިން ޕްލާންޓްތައް އެޅުމާއި ހއ. ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓް ހެދުން ހިމެނެއެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމާއި ހަނިމާދޫގައި ގާއިމްކުރެވިފައިވާ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ސޮއިލް ޓެސްޓިން ލެބްއެއް ގާއިމްކުރުން ހިމެނެއެެވެ.

މީގެއިތުރުން އަށް މަޝްރޫއަކަށް ހިލޭ އެހީގެ ގޮތުގައި 70 މިލިއަން ދިވެހި ރުފިޔާ ހަމަޖެއްސުމަށް މިދިޔަ އޮކްޓޯބަރު މަހުގައި ވަނީ ސޮއިކޮށްފައެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫގައި މަގު ބައްތި ހަރު ކުރުމާއި ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުމާއި އދ. ދަނގެތީގައި އިތުރު ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމާއި ނ. މިލަދޫގައި ކައުންސިލް އިދާރާއެއް އިމާރާތް ކުރުން ހިމެނެއެވެ.

މީގެއިތުރުން ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލްގައި އާއި ލ. ގަން ޅައްދޫ ސްކޫލްގައި އާއި ހއ. ދިއްދޫގެ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓިން ޔުނިޓްތަކެއް ގާއިމު ކުރުމާއި އެމްއެންޑީއެފް އަށް ބޭނުންވާ ސީއެމްބިއުލަންސް ހޯދުމަށާއި މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުން ހިމެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މެން

  ކިހެނެއްދިނީ އެމީހުންގެ ކުންފުނިތަކައް އެމީހުންގެ މީހުންނާއި އެމީހުންގެ ތަކެތި ބޭނުންކޮށްގެ ދިވެހި ދައުލަތް ޒިމާވާގޮތައް އިންޓްރެސްޓާއެކު ކުރުމުއްދަތެއްގެ ތެރޭގައި ލޯނުދައްކާ ގޮތައް ނުދައްކައިފިނަމަ ދިވެހި ރާއްޖޭގެ ބިމުންބައެއްދޭގޮތައްތޯ ނުވަތަ އެމީބުނާހަކަމެއް ކޮއްދޭގޮތައްތޯ؟

 2. ހަގީގަތް

  ތަރައްގީ އޯކޭ
  އޯކޭ ނޫނީ އަޅުވެތިކަމާއި ލާދީނީއާއި ވައްކަން

 3. މަބޭ

  މިވެރިކަން ނިމިގެން ކަންހިނގިގޮތްބަލާއިރު ތުޔަފައިސާވާނީ ލޯނެއްގެގޮތުގަދިންފައިސާއައް 1 މަސްދުވަހުގެތެތޭ ތިޔަފައިސާ އަންބުރާ ދައްކަން އަންގާނެ

 4. އަވަ

  އިކޯ ޓޫރިޒަމް ނަމުގައި. އެކަމަކު ފަޅުތަކާއި ގިރިތައް ހިއްކައި އިކޯ ސިސްޓަމް ޚަރާބުކޮށްލަނީ. ދެން ކޮން އޮކޯ ޓޫރިޒަމެކޭތޯ މިކިޔަނީ

 5. ހުސޭނުބޭ

  އެހެން އެއްޗެއް އައްޑޫގައި ތި ތަރައްޤީކުރަނީ. ރާއްޖެއަށް އެންމެ ގިނަ ހިލޭ އެހީ ދޭ ޤައުމަކީ ޖަޕާން. ދުވަހަކުވެސް އެ މީހުން ނޯންނާނެ ވަކިތަނެއްގެ ތަރައްޤީއަށް ތިހެން ގަނޑުކޮށް އެހީވެދީފައެއް. އައްޑޫ މޭޔަރު އެހުރީ އައްޑޫ އިންޑިޔާއަށް ވިއްކާލައިގެން.

 6. ކަލްޓް މަރިއާ

  އިންޑީއާ އިން މިލިއަނުން ލާރި ދިން ކަމަށް ބުނެ ދައުލަތުން ދައްކާ ވާހަކަ ތަށް ގަބޫލެއް ނުކުރެވޭ! މި ފައިސާ ދައުލަތުގެ އެއްވެސް އެކައުންޓަކަށް ޖަމާ ވެފަ އެއް ނެއް. ޥ ޔަގީން ކޮށް އިނގޭތީ މިބުނީ!

  • ހުވަދޫ އަލިބެއްޔާ

   ލޯ ލާރިއެއްވެސް ނުލިބޭ.. ހުރިހާ އެއްޗެއް ކޮންޓްރޯލް ކުރަނީ އިންޑިއާ އެނބަސީން.. މި ގައުމުގައި ހިންގަން ޖެހޭ ޕްރޮޖެކްޓްތައް އެނގެނީ އިންޑިއާ އެންބަސީ އަށް.. ލާރި ދޭން ޖެހޭ ވަރާއި ޕްރޮޖެކްޓް ހިންގާނެ މުއްދަތުވެސް ކަނޑައަޅަނީ އިންޑިއާ އެނބަސީން..

 7. މޕ

  ގައުމު އިންޑިޔާއަށް ވިއްކައިގެން ތިކުރާކަންތަކުގެ ހިތި ނަތީޖާ އަދި ފެންނާނެ