އެމްޕީއެލްއިން މިހާރު ހިންގަމުންދާ މާލޭގެ ދެކުނު ސަރަހައްދުގެ ވިޔަފާރި ބަނދަރު، ޓީޖެޓީ މާލެ ސިޓީ ކައުންސިލަށް ހަވާލުނުކުރާތީ އެ މައްސަލަ ކޯޓަށް ގެންދާނެ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ޓީޖެޓީއާ ހަވާލުވާން ނަރީޝް އިސްވެ ހުންނަވައިގެން، ސިޓީ ކައުންސިލްގެ ބޭފުޅުން މިއަދު ހެނދުނެއްގެ ވަގުތެއްގައި ޓީޖެޓީ ސަރަހައްދަށް ވަޑައިގަތެވެ. އެ ސަރަހައްދަށް ވަޑައިގަތީ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވާން ކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގެ ޓްވިޓާ އިން ޓްވީޓެއް ވެސް ކުރިއެވެ.

އެ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު، ނަރީޝް ވިދާޅުވީ ޓީޖެޓީ ސަރަހައްދު އޮންނަން ޖެހޭނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ކަން ފާހަގަ ކުރައްވައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދޫން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެމްޕީއެލްއަށް އެ ސަރަހައްދު ދޫކޮށްފައިވާ މުއްދަތު ވެސް ހަމަވެފައި އޮތް އިރު އެ ސަރަހައްދު ސިޓީ ކައުންސިލަށް ނުދޭތީވެ ނަރީޝް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ނަރީޝް ވިދާޅުވީ އެމްޕީއެލް އިން ޓީޖެޓީ ހިންގުމާއި މެދު މާލެ ސިޓީ ކައުންސިލްގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެމްޕީއެލް އަށް ވެސް އެކަން ކުރެވެން ވާނީ ބިމު ކުލި މާލޭ ސިޓީ ކައުންސިލަށް ދެއްކުމަށް ފަހު ކަމަށެވެ.

މިހާތަނަށް އައި އިރު އެމްޕީއެލްއާއި މުއަމާލާތް ކުރަން އެކި ގޮތުން މަސައްކަތް ކޮށްފައިވާ ކަން ވެސް ނަރީޝް ފާހަގަ ކުރެއްވިއެވެ. އެކަމަކު އެމްޕީއެލްއިން މަޝްވަރާގެ މޭޒަށް އަންނަން ބޭނުން ނުވާތީ އަދިވެސް ބައްދަލުވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޕީއެލްއަކަށް މިދިޔަ 97 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނާއި ނެގޯޝިއޭޓްކޮށް ވާހަކަ ދައްކާކަށް ވެސް ނުކެރުނު، މާލެ ސިޓީ ރައްޔިތުންގެ ހައްގުގައި،" ނަރީޝް ވިދާޅުވި އެވެ.

ޓީޖެޓީ ސަރަހައްދު އެމްޕީއެލްއަށް ދީފައިވަނީ މުއްދަތެއް ނެތް ގޮތަކަށް ކަމަށް އެ ކުންފުނިން ބުންޏަސް އެ ކަމާ ގުޅޭ ލިޔެކިއުންތައް ދައްކާފައި ނެތް ކަމަށް އޭނާ ވިދަޅުވިއެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން އެ އެއްބަސްވުންތައް ކޯޓަށް ދައްކަން ނަރީޝް ގޮވާލެއްވިއެވެ.

މި މައްސަލާގައިި އެމްޕީއެލް އިން ބުނެފައިވަނީ، ޓީޖެޓީ އެ ކުންފުންޏާއި 2015 ވަނަ އަހަރު ހަވާލު ކުރީ ހައުސިންގ މިނިސްޓްރީން ކަމަށެވެ. މުއްދަތެއް ނެތް ގޮތަށް ހަވާލުކޮށްފައި އެ އޮތް އޮތުން ނެގުމުގެ ބާރުވެސް އޮންނާނީ ހައުސިން މިނިސްޓްރީއަށް ކަމުގައި އެ ކުންފުނިން ދެކޭ ކަމަށް ވެސް ބުންޏެވެ.