މިއަދު އަވަހާރަވި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނު ލައިފިއެވެ.

އުމަރް ޒާހިރު އަވަހާރަވެފައި ވަނީ ކޮވިޑް-19 ބަލީގައި ފަރުވާ ދެމުން ދަނިކޮށް އުމަރު ޒާހިރު މިއަދު މެންދުރުގެ 2:02ގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ.

2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހު ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި އުމަރު ޒާހިރު އަވަހަރާވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ ހިތާމަފާޅު ކުރަމުުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، އަދި ދައުލަތުގެ އެކި އެކި މަގާމްތައް ފުރުއްވި އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އަލްމަރްހޫމް އުމަރު ޒާހިރްގެ ހަށިކޮޅު ގަލޮލު ސަހަރާގައި ފަސްދާނުލުމަށް ތައްޔާރު ވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޮވިޑްގައި އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އެ އޮންނަ އުސޫލުގެ ތެރެއިން އެމަނިކުފާނުގެ ހަށިކޮޅު އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ހުޅުމާލެ ސަހަރާއަށެވެ. އެތަނުގައި އެމަނިކުފާނުގެ ކަށުކަމާއި ކެމީގެ ކަންތައް ކުރިއަށްގެންދެވުމަށްފަހު ކަށުނަމާދު ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދުގައިވެސް ގިނަ އަދަދެއްގެ ސަރުކާރުގެ އިސްވެރިންނާއި، ކުރީގެ ވަޒީރުންނާއި އިސްބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބް ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

އަލްމަރްހޫމް އުމަރު ޒާހިރްގެ ކަށުނަމާދުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެމަނިކުފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި އިމާމްވެ ނަމާދު ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދެއެވެ.

އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ ގަލޮޅު ސަހަރާގައެވެ.

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނު ލެއްވި ވަގުތު ކޮޅު ރައީސް ސޯލިހާ ބައެއް ބޭފުޅުން ގަލޮޅު ސަހަރާގައި - ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

އުމަރު ޒާހިރު ކޮވިޑަށް ފައްސިވެފައިވާކަން ދެނެގަނެވުނީ ފުވައްމުލަކުގައި އަމިއްލަފުޅަށް އިމާރާތްކޮށްދެއްވި މިސްކިތެއް ހުޅުވަން އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެއަށް އެނބުރި ވަޑައިގަތް ފަހުން ހުންއައިސް، ހާލުކޮޅު ގޯސްވުމުން ހެދި ޓެސްޓުންނެވެ.

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފައިވެއެވެ. އެގޮތުން، 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައިވެއެވެ. އަދި 1988 އިން ފެށިގެން 1993 ވަނަ އަހަރާއި ހަމަޔަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ.

އެއަށް ފަހުން ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަން ކުރައްވާ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ އެންމެ އިސް ޒިންމާތައް އުފުއްލަވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަނޑިޔާ!!!

    ފޮޓޯތަކުން ރައީސް މައުމޫން ނުފެނޭ.

  2. ރައްްޔިތުމީހާ

    އެބޭފުޅާގެ ވަޞިއްޔަތް ޤަބޫލު ނުރެއްވިދޯ؟ އެހެންވީމާދޯ ގަލޮޅު ސަހަރާގައި ފަސްދާބުލެއްވި

  3. ހަސަން ފޭދޫ

    އެންމެ ފަހު ކަމަކަށްވެސް ރައްޔިތުންނަށް މިސްކިތެއް ހަދިޔާ ކުރެއްވުން.

  4. ސަޓޯ

    ކޮވިޑެއް ނޫޅޭނެ...

  5. ސަޓޯ

    އެގޮލާ ނުދަންޏާ ފެންނާނެތަ !!!