ކޮވިޑް-19 ގެ އާލާސްކަންފުޅުގައި އަވަހާރަވީ ދައުލަތައް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު ކަމަށާއި، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޖަލްސާގައި ރައީސް ސޯލިހު ހަނދާން އާ ކުރެއްވީ އުމަރު ޒާހިރު ކޮށްދެއްވާފައިވާ ގައުމީ ހިދުމަތެވެ. އަދި ވަޒަން ކުރެއްވީ ގައުމުގެ ތަރައްގީ ކޮށްދެއްވާފައިވާ މުހިއްމު ހިދުމަތެވެ.

"އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން. އެ މަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު. ގައުމީ ހިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިހްލާސްތެރިކަމަކީ، އެ މަނިކުފާނުގެ ތަބީއަތުގައިވާ އެންމެ ރިވެތި ސިފަ" ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރާ ބެހޭ ގޮތުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއާޕޯޓަކީ، އުމަރު ޒާހިރުގެ އަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ އަދި ގައުމީ އެއްބައިވަންތަކަމާއި، ގައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ގައުމީ ތަރިކައެއް ކަމަށެވެ. ހުޅުލޭ ފަޅު ހިއްކައިގެން ހުޅުމާލެ އުފެއްދުމަކީ، ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން، އުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޖަނާޒާގައި ރައީސް ބައިވެރވެވަޑައިގަންނަވަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މާލޭގައި މިހާރު މި އޮތް އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫއު ފުރިހަމަކުރެއްވީ، ސީދާ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން" އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެންވެސް ވިދަޅުވާ އެއް ވާހަކައަކީ އުމަރު ޒާހިރަކީ ހިތްޕުޅު ހެޔޮ، އަހްލާގް ރިވެތި، އަދި އިހްލާސްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެެއްް ކަމަށެވެ.

"އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އުމަރު ޒާހިރު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަހުލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން ކަމަށެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޖަނާޒާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައީސް ވިދާޅުވި ގޮތުގައި އެންމެ މުހިންމު ތަރިކައެއްއެގެ ގޮތުގައި އުމަރު ޒާހިރު ދޫކުރެއްވީ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީއެވެ. އެ ޑައިރީ ލިޔުއްވަން ފަށްޓަވާފައި އޮތީ އުމަރު ޒާހިރު ކިޔަވާ ވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވި ދުވަހުއެވެ.

އެ އަހަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެ މަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކު ޑައިރީ ލިޔުއްވަމުންނެވެ.

"އެ ޑައިރީ ކިޔައިލުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނު. އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް. އޭގެ އިތުރުން، ޤައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި" އެތައް އަހަރެއް ވަންދެން ލިޔުއްވި އުމަރު ޒާހިރުގެ ޑައިރީގެ ސަފްހާތަކުން މުޅިންވެސް ފެނުނީ އިބްރަތްތަކާއި ފިލާވަޅުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރި ކަމަށާއި އެމަނިކުފާނަކީ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ ބޭފުޅެއް ނޫންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރިވެތި

    މައުމޫނުގެ ނަންވެސް ނުގަތީ ލަދުންތޯ ބަލަ އެމަރުހޫމް މަސައްކަތްޕުޅު ކުރެއްވީ މައުމޫނު ވެރިކަމުގާނޫންތޯ މަނިކުފާނު ވެރިކަމުގާވެސް ތިފަދަބޭފުޅުން އުފައްދާބަލަ

  2. ކޮވިޑް

    " އުމަރު ޒާހިރަކީ ތަރައްގީގެ ތަނބެއް " ތިކަމަށް ދިވެހި ހެޔޮހިތުން ޤަބޫލު ކުރޭ. ހަމަ އެގޮތަށް ސޯލިހަކީ މި ޤައުމަށް ގައްދާރު ވެފައި ވާ ގައްދާރެއްކަން ވެސް ދިވެހިން ޤަބޫލު ކުރޭ. ރައްޔަތުންނަށް ހަރާން ކޯރުވެފައިވާ ރައީސް އެއްކަން ދިވެހިން ޤަބޫލް ކުރޭ. ގައްދާރު ރައީސް # އިންޑިއާ އައުޓް #

    5
    1
  3. Anonymous

    ވެރިކަމުގަ ތިހިރީ ހޮއިތަބެއް އެތރެ އެއްވެސްއެއްޗެއް ނެތް

    4
    1
  4. ޤާނޫން

    ތަނބު ވެޓުނުފަހުން ދޯ އަސްލު ގެޓު ވީ

  5. އަޖައިބެއް

    މީހުންނަށް ފާޑުފާޑުގެ ނަމުން ކިޔަންޖެހޭތަ؟ ތަނބެކޯ... އެއީ ކައްޓާ ލެޔާ މަހުން ހައްދަވާފައިވާ އިންސާނެއް. ތަނބެއް ފާރެއް އެޅިގަލެއް ދޮރެއް ދާރައެއް ނޫން

  6. އިންޑިޔާ އައުޓް

    މީނާއަކީ ހާދަކޮސް އަގަތަޅާމީހެކެވެ. މަރުހޫމް އުމަރުޒާހިރަކީ ތަރައްގީ ތަބޭ ބުނިއިރު އުމަރުޒާހިރު މަސައްކަތްކުރެއްވީ ރައީސް މައުމޫނުގެ ޒައާމަތުގައި ކެބިނެޓް މިނިސްޓަރަކަށްކަމާއި އުމަރުޒާހިރު ކުރައްވާފައިވާ ކަންކަމަކީ ކެބިނެޓްގެ ރުހުން ލިބިގެން ކޮށްފައިވާ ކަންކަން މީނާއަކަށް ނޭގެނީ ހަމަ ގަމާރުކަމުންތޯއެވެ. މިހެން ބުނަންޖެހުނީ 1978-2008 މައުމޫނު ކުރެއްވި ކަމެއް މިގައުމަކު ނެތްކަމަށް މިވެރިން ވެރިކަމަށް އަންނަންވެގެން ރައްޔިތުން ގުބޫހައްދަން ދެއްކިވާހަކަތަކުގައި އާންމުކޮށް ދައްކާފައިވާ ވާހަކައަކަށްވާތީއެވެ.