ހޯމަ ދުވަހު އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޖަނާޒާގެ ކަންކަން ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ވަސިއްޔަތްކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ޚިލާފު ވާހަކަތެއްކަމަށް އުމަރު ޒާހިރުގެ އާއިލާއިން ބުނެފިއެވެ.

އުމަރު ޒާހިރުގެ ހުންނެވި ހަމައެކަނި ދަރިކަނބަލުން ފާތިމަތު ސާމިހާ ނެރުއްވި ބަޔާނެއްގައި އެހެން ވިދާޅުވީ ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި "އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން" އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާކަމަށް، އެ މަނިކުފާނުގެ އެކުވެރިޔެއް ކަމުގައިވާ އަބްދުލް ހަމީދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނިކޮށެވެ.

އުމަރު ޒާހިރުގެ ދަރިކަނބަލުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ބައްޕައަކީ އެތައް ހާސް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާއިރު މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މިފަދަ ހަގީގަތެއްނެތް ވާހަކައެއް އެއްވެސް ފަރާތަކުން ދެއްކުމަކީ އާއިލާއިން ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.

"ބައްޕަގެ ޖަނާޒާގެ ކަންތައް ވަކިގޮތަކަށް ގެންދިޔުމަށް އެދިވަޑައިގެން ވަސިއްޔަތެއް ކުރައްވާފައިނުވާއިރު، ވަކިގޮތަކަށް ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންކަމަށް ބުނެ ވަކިފަރާތަކުން ދައްކަމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ކަމަށް ބައްޕަގެ އާއިލާއިން ނުދެކޭކަމުގައި ހިތާމަޔާއެކު ދަންނަވަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ދިވެހި ދައުލަތުން އުމަރު ޒާހިރަށް އަރުވާފައިވާތީ، އެ މަނިކުފާނުގެ ޖަނާޒާގެ ކަންކަން ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވަރަށް ޚާއްސަ ކަމެއް ދެއްވައިގެން ކުރިއަށް ގެންދެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ކޮވިޑް ޖެހޭ މީހުން ވަަޅުލުމަށް އަމަލު ކުރަން ހެދި ގަވައިދު އޮތީ ހަމަ އޮތްތާ. ކޮބަ އެޗް. ޕީއޭ.؟