ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނެއް ބާއްވަނީ އެދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރު އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވުމުންނެވެ.

އީސީން ބުނީ ވޯޓާސް ލިސްޓު އެ ކޮމިޝަންގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުގެ އިތުރުން އެ ދާއިރާގައި ހިމެނޭ ރަށްތައް (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި) ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ލިސްޓަށް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީގެ އިއުލާނުގައި ބުންޏެވެ.

ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި އެމްއެންޕީން ވެސް ނިންމާފައިވެއެވެ. މި ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް މި މަސް ތެރޭ ބާއްވައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި އަދި މިހާތަނަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ މެންބަރަކަށް ނުލިބެއެވެ. އަށާރަވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރެއްވީ އެމްޑީޕީގެ މެންބަރު އަހްމަދު ނާޝިދެވެ.