އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހުޅުދޫ އާއި މީދޫ ހިމެނުމާ ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލަކީ އައްޑު އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ ހަ ރަށުގެ މައްޗަށް އެކުލަވާލާފައިވާ ސިޓީ ކައުންސިލެކެވެ. އޭގެ ތެރެއިން ހިތަދޫ، މަރަދޫ، މަރަދޫފޫދޫ، އަދި ފޭދޫ އޮންނަނީ ލިންކް ރޯޑްއަކުން ގުޅާލައިފައެވެ. ހުޅުދޫއާއި، މީދޫ އޮންނަނީ އެ ރަށްތަކާ 15 ކިލޯމީޓަރު ދުރުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އައްޑޫ ސިޓީގެ ކައުންސިލުން ހުޅުދޫއާއި މީދޫ ވަކިކޮށް އެ ދެ ރަށުގައި ރަށު ކައުންސިލެއް ގާއިމް ކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ދެ ރަށް ވަކިން ދުރުގައި އޮންނަ އިރު ސިޓީ ކައުންސިލުން ބޭނުންވާ ރަށްވެހި ކަމުގެ ޚިދުމަތްތައް ލަސްވާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ.

އިލްޔާސް "ވަގުތަށް" މިއަދު ވިދާޅުވީ ރޮޒައިނާގެ އެ ޚިޔާލު ހުށަހެޅުއްވީ އޭނާއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ހުޅުދޫގެ މަސްލަހަތު ވެސް ހިމެނޭ ކަމެއްގައި އޭނާއާ މަޝްވަރާ ނުކުރައްވާ އޮތުމުން އިލްޔާސް ކަންބޮޑުވުން ވެސް ފާޅު ކުރެއްވިއެވެ.

އެހެންވިޔަސް އެ ކަމުގައި ހުޅުދޫގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރައްވާނީ އޭގެ ފަހުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަނީ ހުޅުދޫގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވަމުން، ރައްޔިތުންގެ ޚިޔާލު ހުރި ގޮތެއް ބެލުމަށް ފަހު އެ ކަމުގައި އަޅުގަނޑުގެ ސްޓޭޓްމަންޓްއެއް ހާމަކުރާނަން، މިއަދުގެ ވަގުތެއްގައި އެ ސްޓޭޓްމަންޓް ދެވޭނެ ކަމަށް މި ބަލަނީ،" އިލްޔާސް ވިދާޅުވިއެވެ.

މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ވެސް ހުޅުދޫއާއި މީދޫގެ ބައެއް ފަރާތްތަކުން އިސްވެގެން އެ ދެ ރަށުގައި ރަށު ކައުންސިލެއް ގާއިމްކޮށް، އައްޑޫ ސިޓީގެ ކައުންސިލުން ވަކިކޮށްދިނުމަށް އެދި ޕެޓިޝަނެއްގެ ކަންކަން ވެސް ގެންދިޔައެވެ. އެކަމަކު އިންތިޚާބު ބޭއްވީ ކުރިން ވެސް އައްޑޫ ސިޓީ ކައުންސިލްގެ އެކުލެވުމާ އެއް ގޮތަށެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން 10،000 މީހުންގެ އާބާދީއެއް ހަމަވާ ސަރަހައްދުތަކުގައި ސިޓީ ކައުންސިލެއް ގާއިމް ކުރެވޭނެއެވެ. މުޅި އައްޑު އަތޮޅު ސިޓީ ކައުންސިލަކަށް ގާއިމް ކުރިއިރު، ގާނޫނުގައި އޮންނަނީ 25،000 މީހުންގެ އާބާދީއެއް ހަމަވެގެން ސިޓީ ކައުންސިލެއް ގާއިމް ކުރުމަށެވެ.

ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު ރަށް އެކަނި ހިމެނޭ ގޮތަށް ސިޓީ ކައުންސިލެއް ގާއިމް ކުރެވޭނެއެވެ. ކުރިން މުޅި އައްޑު އަތޮޅު ސިޓީ ކައުންސިލެއްގެ ގޮތުގައި އެކުލަވާލަން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނިންމީ އޭރު ބޭނުންވާ އަދަދު ބޮޑުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޯ

    ލިންކް ރޯޑްއަކުން ގުޅާލަބަލަ ހުޅުދޫއާއި، މީދޫ

  2. ކޮވިޑް

    ޗައްކަރަކަށް ތައްޔާރު ވަނީ ދޯ؟ ހުޅުމީދޫން މީހުން ބާލާފަ އިންޑިއާ އަށް ހިބަކޮށް ދެނީ ތޯއްޗެއް. މި މީހުން ވަރަށް އަޑި ނުބައިވާނެ . ގްންބޯ އައްޑޫ މިކަމަށް ހޭއަރާ ތިބޭތި.# އިންޑިއާ އައުޓް #

    15
  3. ސަމާސާ

    އިންޑިއާއިން ބޭނުންވާ ގޮތަކަށް ތިކަން ކުރެވޭނީ. މަޖިލިސް މެމްބަރަކޭ ކިޔަސް ތިއީ ހަމަ އެއްވެސް ގައުމިއްޔަތެއް ތިބި ބައެއްނުން.

  4. ލޯބިވާ ވަޠަން

    ތި ރޮޒޭނާ ފިނި ކޮޓަރީގެ އިނދެ އަމިއްލަ ސސިޔާސީ ފައިދާއަށް ކުރާކަމެއްތީ. ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއް؟ ޑިވައިޑް އެންޑް ރޫލް ގެ ޚުދުމުހުތާރު އު ސޫލު އަދި ވެސސް. ބުނެލަން އޮޡީ އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ. ވަކިވެ ގަތުމީ ނިކަމެތިކަމެކޭ.