މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރެވޭ މީހުންގެ ތަހުގީގަށް ސަރުކާރުގެ އެތެރެއިން ހުރަސްތަކެއް ކުރިމަތިކުރެވޭތޯ ޔަގީން ކުރުމަށް ޓަކައި ތަހުގީގެއް ހިންގަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ދެއްވައިފިއެވެ.

މީޑިއާތަކުގެ ހާޒިރުގައި ކ. ދޫނިދޫގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ނައްތާލާފައެެވެ. އެއަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ކޮމިޝަނަރު ހަމީދު މީޑިއާތަކަށް އިންޓަވިއު ދެއްވިއެވެ.

އެ އިންޓަވިއުގައި ނޫސްވެރިޔަކު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގަށް ސަރުކާރުގެ ތެރެއިން އެއްވެސް ހުރަހެއް އަންނަތޯ ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި ހަމީދު ވިދާޅުވީ "ތަހުގީގުތަކަކުން އެއީ އެހާ ސާފުކޮށް ތި ބޭފުޅުން ތި ކުރައްވާ ސުވާލަކަށް ޖަވާބު އެރުވޭ ވަރު މައުލޫމާތެއް ނޫން،" ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތަށް ހުރަސް އަޅަނީ ކޮންބައެއްތޯ އާއި އަދި ހުރަސް އަޅާނަމަ އެއީ ކިހާ އަދަދެއްގެ ބައެއްތޯ އަދި އެމީހުންގެ އެކަން ކުރަނީ ކިހިނެއްތޯ ބައްލަވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ހަރަހެއް ނެތް ކަމަކަށް ސީޕީ ވިދާޅެއް ނުވިއެވެ.

ފުލުހުން ހިންގި ދެ އަޮޕަރޭޝްނަގައި އަތުލައިގަތް މަސްތުވާތަކެތި
ފޮޓޯ: ޕޮލިސް

"ސާފުކޮށް އެކަން (ޑްރަގް ތަހުގީގަށް ސަރުކާރުން ހުރަސް އެޅުން) އެ ގޮތަށް ނެތެކޭ އަޅުގަނޑު ނުދަންނަވާނަން، ތަހުގީގުތައް ކުރާނަން،" ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ މީހުންނާ އެ މީހުންނާ ގުޅުންހުރި ނެޓްވޯކްތަކަށްވެސް ގާނޫނުތަކުގެ ތެރެއިން އަޅަން ޖެހޭ އެތައް ފިޔަވަޅުތަކެއް ނޭޅޭ ކަމަށެވެ.

"މިހުރިހާ ކަމެއް ވަށާ ޖެހޭ ނިޒާމެއް ފުރިހަމެއް ނުވޭ. އެއް ނެޓްވޯކެއްގެ މައްޗަށް ޓްރެފިކް ކުރުމުގެ ދައުވާއެއްކޮށްފައި، ވަކި ހިސާބަކުން ޝަރީއަތުގެ ތެރެއިން ނިކުންނަ މީހުން އަނެއްކާވެސް ދެވަނަ ފަހަރަށް އަރައިގަންނަކަން،"

އޭނާ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނަ ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މުއައްސަސާތަކުގެ ތެރޭގައި ގުޅިގެން ކަންކަން ރޭވި ފަރުވާ ދިނުމުގެ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ބޮޑަށް ފުޅާވެ އެންމެ ބޮޑަށް ހިނގަނީ މަސްތުވާތަކެތީގެ ކުށްތައް ކަމަށްވާއިރު މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި އުޅެނީ ކިތައް މީހުން ކަމަށާއި އޮތީ ކިތައް ޑްރަގް ނެޓްވޯކްކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެެހެންކަމުން އެމީހުންގެ މައްޗަށް ތަހުގީގެއް ހިންގައި އެކަށީގެންވާ ހެއްކާއި އެކު މަސްތުވާތަކެތީގެ މައްސަލަ ޝަރީއަތަށް ހުށަހެޅޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ މުއައްސަސާ "ފަހަތަށް ނުދާނެ" އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ސީޕީ ވިދާޅުވީ މިދޔަ ހަފްތާގައި އެކަނިވެސް މަސްތުވާތަކެތި ބޭނުންކުރާ އުމުރުން 60-50 އަހަރުގެ 274 މީހުން ހުއްޓުވާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި 590 ފަހަރު ،މަސްތުވާތަކެތި ބޭނުންކުރާ 270 މީހުންނާ ފުލުހުންނާ ބައްދަލުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ނުވަތަ" ކާޓެލް" ތަކުގައި އުޅެނީ އުމުރުފުރައިގެ 14-12 ދެމެދުގެ ކުޑަކުދިންނެވެ. އެ ކުދިންނަަކީ ގާނޫނީ ގޮތުން އެއްވެސް އަދަބެއް ނުދޭވެ ކުދިންނނަށް ވާތީ ކާޓެލްތައް ހިންގާ މީހުން އެކުދިންގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ. ޑްރަގުން ލިބޭ ފައިސާއިން އެ ކުދިންނަށް އެޕާޓްމެންޓާ ފޯނުތަކާއި އަގު ބޮޑެތި ތަކެތި ގަނެދީ އުޅޭ ކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި މާލެ ތެރޭގައި ދޭތެރެ ދޭތެރެއިން ހިނގާ މާރާމާރީތައްވެސް ގުޅެނީ މަސްތުވާތަކެއްޗާއެކުއެވެ. ތޫނު ހަތިޔާރުތައް ހިފައިގެން މަގުމައްޗަށް ނިކުމެ މާރާމާރީ ހިންގަނީ އެ ކާޓެލް އެއް ނުވަތަ އެ ގޭންގެއްގެ ސަރަހައްދުގައި އެހެން ބަޔަކު ޑްރަގް ވިއްކަން އުޅުމުން ކަމަށް ވިދާޅުވިއެވެ.

"މި މާރާމާރީއަކީ އެ ގްރޫޕެއް ކޮންޓްރޯލް ކުރާ ޓާފެއްގެ ތެރޭގައި ދެން އޮންނަ ގްރޫޕަކުން އައިސްފައި ޑްރަގްގެ އެހެން އެއްޗެއް ބަޔަކަށް ވިއްކަން އުޅެފިއްޔާ އެޔާ ޖެހޭ މައްސަލަ" ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    އިންޑިއާ އިން ގެންނަ ރައްކާތެރިކަން ކަށަވަރުނުވާ ކާބޯތަކެތީގެ ތެރެއިން މަސްތުވާތަކެތި ރާއްޖެ އެތެރެވަނީ. އެހެންކަމުން ރާއްޖެ އެއްކޮށް ހަލާކުވެގެންނުދަނީސް އިންޑިއާއިން ރާއްޖެއެތެރެެކުރާ ކާބޯތަކެތި ހުއްޓުވަންޖެހޭ.