ޗާޓަޑް އެކައުންޓެންޓުން އުފެއްދުމަށްޓަކައި، އެކައުންޓިން ދާއިރަށް ހާއްސަކޮށްގެން 150 ސްކޮލާޝިޕްގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޑރ ޗަބީ) އެ ސްކޮލާޝިޕްގެ ފުރުސަތުތައް އިއުލާނުކޮށްފައިވާއިރު، އެގޭ ތެރެއިން 100 ސްކޮލާޝިޕަކީ ޕްރައިވެޓް ސެކްޓާތަކަށް ހާއްސަކުރާ ސްކޮލާޝިޕްތަކެވެ.

އަދި 50 ސްކޯލާޝިޕް ހާއްސަކޮސްފައިވަނީ ޕަބްލިކް ސެކްޓާއަށެވެ. މިނިސްޓަރު ވިދާޅުވީ ޕަބްލިކް ސެކްޓާއަށް ކުރިމަތިލާ އަދަދު މަދުވެއްޖެނަމަ އެ ފުރުސަތުތައް ޕްރައިވެޓް ސެކްޓާއަށް ބަދަލުކުރަމުންދާނެ ކަމަށެވެ.

ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފުރަތަމަ ޑިގްރީއާ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ.

"މީގެ ތެރޭގައި އޭސީސީއޭ ސްކިލް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމެންޓް ލެވެލް ސިމާ ޕްރޮފެޝަނަލް ލެވެލްއަށް ކުރިމަތިލައިގެން ޗާޑައެކައުންޓުންނަށް ވެވިގެންދާނެ" ޗަބީ ވިދާޅުވިއެވެ.

މި ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލިބޭ އިނާޔާތްތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރުމުގެ ފީއާ އެނުއަލް ސްބަސްކްރިޕްޝަން ފީއާއި އެކްޒާމް ފީއާއި ބުކް އެލަވެންސް ފީއެވެ.

ރާއްޖޭގައި ރަޖިސްޓްރިކޮށްގެން ހިންގާ ކޮލެޖު ނުވަތަ ޔޫނިވަސިޓީތަކަށް ދައްކަން ޖެހޭ ފީވެސް މިނިސްޓްރީން ދޭނެއެވެ. މި ސްކޮލާޝިޕްގައި ކިޔެވޭނީ ހަމައެކަނި ރާއްޖޭގައެވެ.

ޗަބީ ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވާލުމުގެ މައިގަނޑު ސަބަބަކީ އެކައުންޓިން ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާތީއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެކައުންޓެންޓުންގެ ގޮތުގައި ގިނައިން މަސައްކަތް ކުރުމަކީ ބިދޭސީން ކަމަށްވާއިރު އެ ދާއިރާއިން ދިވެހިން ބިނާކުރުމާއި ވަޒީފާގެ ބާޒާރުގައި ތިބި ގިނަ އަދަދެއްގެ ބިދޭސި އެކައުންޓެންޓުންގެ ބަދަލުގައި ދިވެހި ވަޒީފާތައް ނެރުމަކީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމެއް ކަމަށެވެ.

މި ސްކޮލާޝިޕްގެ ކަންތައްތައް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސީ އޮފް ދި މޯލްޑިވްސްއާ ގުޅިގެންނެވެ.