ރަށްރަށުގެ ކައުންސިލްތަކުގެ ބާރުވެރިކަން އޮންނަން ރަށްރަށުގެ ރައްޔިތުން މިއަދު އެދެއެވެ. ސަބަބުތައް ބައިވަރެވެ. މަރުކަޒީ ސިޓީގައި ގާއިމްވެ ހުންނަ ވަޒީރަކު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ރަށްރަށުގައި ތިބޭ ބަޔަކަށް ނޯވެއެވެ. މާލޭގައި ތިބި ބަޔަކަށް ވެސް ވަކި އަމުދުން ނޯވެއެވެ. އެކަމަކު އެ ރަށުގެ އިންތިޚާބީ ކައުންސިލަރު ޖަވާބުދާރީ ކުރުވުން "ރަށު ހޮޅުއަށިން" ވާން އޮތަތީއެވެ.

މި ވިސްނިމުމުގައި ލާމަރުކަޒީ ގާނޫނު ވުޖޫދުކޮށް ރަށު ކައުންސިލްތައް އުފެދި ގާނޫނީ ޒިންމާތައް މަތި ކުރި ފަހުން، ރަށު ކައުންސިލްތަކާއި ދެކޮޅަށް ގިނަ މައްސަލަތައް ޝަރީއަތްތަކާ ހަމައަށް ދެއެވެ. މިފަދަ ބައެއް މައްސަލަތައް ކައުންސިލްތަކާއި އެއްކޮޅަށް އަދި ބައެއް ފަހަރު ކައުންސިލްތަކާއި ދެކޮޅަށް ވެސް ނިމިގެން ގޮސްފައި އެބަ ހުއްޓެވެ.

މިއީ އެއިން އެއް މައްސަލައެވެ. މާފުށީ ކައުންސިލާއި އެކު އެ ރަށު މީހަކާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މުއްދަތު ހަމަވާން ގާތްވެފައި ވަނިކޮށް އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިންމި ނިންމުމަކާ ގުޅިގެން، އެއިން އެ މީހާ އިންވެސްޓް ކުރި ވިޔަފާރިއަށް ގެއްލުންވާނެ ކަމަށް ވެސް ބުނެއެވެ.

މާފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު ހުކުމުގައިވަނީ މިހެނެވެ؛ ފުރަތަމަ ކަމަކަށް ރިއާޔަތްކޮށްފައި އޮތީ ދެ ފަރާތުގެ ދެމެދުގެ އެއްބަސްވުމުގައިވާ ނުކުތާއެކެވެ. އެ އެއްބަސްވުމުގައި ވަނީ މުއްދަތު ހަމަވުމުގެ ކުރިން އެ ކަމަށް އެދިއްޖެނަމަ ކައުންސިލަށް މުއްދަތު "އިތުރު ކުރެވިދާނެ" އެވެ.

މައްސަލަ ކައުންސިލާއި އެއްކޮޅަށް ނިންމުމުގައި މައިގަނޑު ޝަރުއީ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ޚުދު ލާމަރުކަޒީ ގާނޫނެވެ. ރަށުގެ ބިން ބޭނުން ކުރާނެ ގޮތް، ރަށު ރައްޔިތުންގެ ނަމުގައި ނިންމުމުގެ ބާރާއި ޒިންމާ ކައުންސިލްގެ މައްޗަށް އޮންނާނެ ކަމެވެ. އެހެންވެ އެއީ ކައުންސިލަށް ގާނޫން އޮތް އިޚްތިޔާރެކެވެ.

ކައުންސިލްގެ ރައީސް ޙަސަން ޞަލާޙް "ވަގުތު" އަށް ވިދާޅުވީ، މި ހުކުމުން ކައުންސިލަށް ލިބުނު ހިތްހަމަޖެހުމަކީ ކައުންސިލާއި އެއްކޮޅަށް މައްސަލަ ނިމުމުގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ބުނާ މަފްހޫމް ކައުންސިލަށާއި މައްސަލައިގެ އަނެއް ފަރާތަށް ވެސް އެންގުމުންނެވެ.

"މި ހުކުމުން ލާމަރުކަޒީ ގާނޫނަށް ލިބިދޭ ބާރު ކައުންސިލްތަކަށް ލިބިދޭ ކަން ޔަގީން ވެގެން އެބަދޭ،" ޞަލާޙް ވިދާޅުވިއެވެ.

މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މި ހުކުމުން ވެސް ލިބިދޭ މެސެޖަކީ ލާމަރުކަޒީ ބާރުތައް ކައުންސިލްތަކާއި ހަމައަށް އޮތުމުގެ މުހިއްމު ކަމެވެ. މާފުށީ ކައުންސިލް ވެސް ހިތްހަމަޖެހިފައި އެ ބުނަނީ އެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާކަރުތާހޫން

    ތިޔަބުނާ ލާމަރުކަޒީ ގާނޫނު ނުހިނގާ އަދިގާނޫނުއަސާސީގައިވާ ހަމަހަމަ ކަމުގެ ގާނޫނުނުހިނގާ ރަށެއް މިދިވެހިރާއްޖޭގައި އެބައޮތް އެއީ މާލެ ކިޔާރަށެއް އެރަށަކައް ތިޔަވިދާޅުވާ ލާމަރުކަޒީގާނޫނެއް ނުހިގާނެ އެރަށުގެ ރައްޔިތުންގެ ހައްގެއް ނޯންނާނެ އެއީދެން ރައްޔިތުންތަކެއް ގަނަ ތެޅޭ ރަށެއް އެރަށުގެމީހުންނައް ގާނޫނީގޮތުން ހައްގުވަނީ ހަމަ އެކަނި ވޯޓްދޭން ވެރިން ހޮވާށާ އެހެންގޮސް ހުރިހާ ވޯޓްލައިގެން ހޮވޭމަގާމްތަކައް ހޮވާމީހުންނައް ވޯޓްލާން