ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނަންޑޭޒްގެ މަންމަ ކިމް ހާޓް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލްގައި އެންދުމަތި ކޮށްފިއެވެ.

އީޓައިމްސްގައި ބުނެފައިވަނީ އޭނާގެ މަންމަ ސިއްހީ އެހީ ދޭ ތަނަކަށް އަވަހަށް ގޮސް މިހާރުވެސް ފަރުވާދެމުންދާ ކަމަށެވެ. ޖެކޮލިންގެ މައިންބަފައިން ބަހްރެއިންގައި ދިރިއުޅެމުންދާއިރު މި ތަރީގެ މަސައްކަތްތަކުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ދިރިއުޅެމުން އަންނަނީ މުމްބާއީގައެވެ.

ޖެކޮލިންއަށް ގައުމުން ބޭރަށް ދެވޭނެ ގޮތެއް ނެތެވެ. އެއީ އޭނާއާ ގުޅޭގޮތުން އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ތަހުގީގު ކުރަމުންދާ މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ ބަލަމުންދާތީއެވެ.

އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ސުކޭޝް ޗަންދުރަޝޭކަރް ކީޔާ މީހަކާ ގުޅުން އޮތް ކަމަށް ބުނާ މައްސަލައެެވެ.

އަންހެނެއްގެ އަތުން އެތައް ލައްކަ ފައިސާއެއް ފޭރިގަނެފައިވާ ސުކޭޝްގެ ފަރާތުން ޖެކުއެލިންއަށް އަގުބޮޑު ހަދިޔާތަކެއް ލިބިފައިވާ ކަމަށް ޖެކުއެލިން ވެސް ވަނީ އެއްބަސްވެފައެވެ.

މި މައްސަލައާއި ގުޅިގެން ދިން ބަޔާނުގައި ޖެކުއެލިން ބުނެފައިވަނީ ސުކޭޝްގެ ހަގީގަތް ނޭނގޭ ކަމަށެވެ. އަދި ހަމައެކަނި ސުކޭޝް ދިން ހަދިޔާ ގަބޫލު ކުރީ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އޭގެފަހުން ޖެކުއެލިންއާއި ސުކޭޝްގެ ގައިގޯޅި ފޮޓޯއެއް މީސް މީޑިޔާގައި އާއްމުވެ އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ވަނީ އެންމެންނަށް ހާމަވެފައެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަލްމާން ހާން އާއި އެކު އޭނާ ފެނިގެންދާ ކިކް 2 އަދި ރަންވީރް ސިންހް އާއި ބައްޗަން ޕާންޑޭން އަދި އަކްޝޭ ކުމާރު އާއި އެކު ފިލްމު ސާކަސް ހިމެނެ އެވެ.