އޭރު ރައްޓެހިވެގެން އުޅުނު ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭޒް ދޫކޮށް އޭނަޔާ ރައްޓެހިވުމަށް މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ އެދުނު ކަމަށް ސުކޭޝް ޗަންދްރަޝެކަރް ބުނެފިއެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން 215 ކްރޯޑް ރުޕީސް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރް ބުނާގޮތުން ނޯރާ އަބަދުވެސް ޖެކޮލިންގެ ކާމިޔާބީއަށް ހަސަދަވެރިވެއެވެ. އަދި އަބަދުވެސް ޖެކޮލިން ދޫކޮށް އޭނަ ކައިރިޔަށް އައުމަށް ނޯރާ ދިޔައީ ސުކޭޝް ކައިރީ އެދެމުން ކަމަށާއި ދުވާލަކު މަދުވެގެން 10 ފަހަރު ނޯރާ ގުޅާ ދުވަހެއް ނާންނާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންކަމުން ނޯރާގެ ފޯނު ކޯލުތަކަށް ޖަވާބުނުދީވޭތޯ ވަރަށް މަސައްކަތް ކުރާ ކަމަށާއި އުދަގޫވެގެން ފޯނަށް ޖަވާބު ދިނަސް އޭނަގެ ކޮއްކޮ ބޮބީ މިއުޒިކް ކޮމްޕެނީއެއް ހުޅުވަން އޭނައަށް އެހީތެރިވެ ދިނުމަށް ނޯރާ އެދިފައިވާ ކަމަށް ސުކޭޝް ބުންޏެވެ.

މީގެއިތުރުން އޭނަ ބޭނުންވާ އަތްދަބަހާއި އެހެނިހެން ސާމާނުތަކުގެ ފޮޓޯ ސުކޭޝްއަށް ނޯރާ ފޮނުވާ ކަމަށް ވަނީ ބުނެފައެވެ. އުދަގޫ ބޮޑުވެގެން އޭނައަށް 2 ކުރޯޑް އިންޑިޔަން ރުޕީސްއަށް ދޭ އަގުބޮޑު ދަބަސް ނޯރާއަށް ގަނެދިން ކަމަށް ސުކޭޝްވަނީ ބުނެފައެވެ. މިކަމާ ސުކޭޝް ރައްޓެހިވެގެން އުޅުނު ޖެކޮލިން ވަނީ ކޯޓުގައި އެއްބަސްވެފައެވެ.

ކޯޓުގައި ނޯރާ ފުރަތަމަ ބުނެފައިވަނީ ސުކޭޝް ނޯރާއާ ވާހަކަ ދެއްކީ އޮޅުވާލައިގެން ކަމަށާއި އެއީ ކާކުކަން އޭނާއަށް ކުރިން ނޭނގޭ ކަމަށެވެ.

އީޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ޑިސެންބަރުން ފެށިގެން މިއަހަރުގެ އޮގަސްޓަމަހާ ހަމައަށް ސުކޭޝް ވަނީ ޖެކޮލިންއަށް 10 ކަރޯޑް ރުފީސްގެ ތަކެތި ހަދިޔާކޮށްފައެވެ. އަދި ނޯރާއަށް ވަނީ ބީއެމްޑަބްލިއު ކާރެއްވެސް ހަދިޔާކޮށްފައެވެ.

އީޑީން ސުވާލުކުރުމުން މި ދެތަރިންވެރިންވެސް ވަނީ ސުކޭޝްއަކީ އެފަދަގޮތަކަށް ފައިސާ ހޯދާމީހެއްކަން ނޭނގޭކަމަށް ބުނެފައެވެ. އަދި އޭނާ ދީފައިވާ ހަދިޔާތަށް އަނބުރާ އީޑީއަށް ނެގިޔަސް މައްސަލައެއް ނެތްކަމަށް ބުނެފައި ވެއެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ ސުކޭޝް އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

ނޯރާ ވަނީ ފަހުން އޭނަގެ ބަޔާން ބަދަލުކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވެ މި މައްސަލައާމެދު ނޯރާ ބުނެފައި ވަނީ، އޭނާ އަކީ 'ވިކްޓިމް' އެއް ކަމަށާއި އެއްވެސް ކަހަލަ މަނީ ލޯންޑަރިންއެއްގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. މީގެ އިތުރުން ސުކޭޝްގެ ލޯބިވެރިޔަކަށް ވާން އެއްބަސްވެއްޖެ ނަމަ ބޮޑު ގެއަކާއި ލަގްޒަރީ ދިރިއުޅުމެއް ހޯދައިދޭނެ ކަމަށް އޭނާ ވައުދުވި ކަމަށާއި އަދި ސުކޭޝްގެ އެންމެ ގާތް އެހީތެރިޔާ ކަމަށްވާ ޕިންކީ އިރާނީ މެދުވެރިކޮށް އޭނާގެ ފަރާތުން ސުކޭޝް ނުހައްގުން ފައިދާ ހޯދީ ކަމަށެވެ.

މިހާރު 30ގެ އަހަރުތައް ގުނަމުން ދާ، އިންޑިއާގެ ބެނަގަލޫރަށް ނިސްބަތްވާ ސުކޭޝް އަކީ އުމުރުން 17 އަހަރުން ފެށިގެން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މުއްސަނދި ދިރިިއުޅުމެއް އުޅެމުންދާ މީހެކެވެ. އިންޑިއާގެ ބޮޑެތި ސިޔާސީ ފަރާތްތަކުން ފެށިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ މީނާގެ މަޅީގައި ޖެހިފައެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފް ގެ އިތުރުން ޖެކްލީން ފެނާންޑެސް ވެސް މި ލިސްޓްގައި ހިމެނޭއިރު ބައެއް ބަތަލާއިންނާއި މޮޑެލުން ސުކޭޝް ދިން ފައިސާ އާއި ތަކެތި ބޭނުން ކުރި އިރު އަނެއްބައި ފަންނާނުން ވަނީ ސުކޭޝް ދިން އެއްޗެތި ހިފަން އިންކާރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ނޯރާ ނިކަން އަހަރެމެންގެ ސޭޓަށް ގުޅާލަބަލަ.

    • ސައްޕު

      އަލީ ބިރުގަންނަނީތަ އެކަމާ އުޅެން.